ރާއްޖެ ކުޅިވަރު

އުރުގުއޭ ބަލިކޮށް ޗިލީ ސެމި ފައިނަލަށް

ކޮޕާ އެެމެރިކާގެ ފުރަތަމަ ކުއާޓާ ފައިނަލްގައި ރޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީ މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ޗިލީގެ ވެރިރަށް ސަންތިއާގޯގެ ނަސިއޮނާލް ސްޓޭޑިއަމްގައި ކުޅުނު މެޗު ނުވަ މީހުންނާއެކު ނިންމާލި އުރުގުއޭ ކޮޅަށް މެޗުގެ 81 ވަނަ މިނިޓުގައި ލަނޑު ޖެހީ ޗިލީގެ ތަޖުރިބާކާރު ޑިފެންޑަރު މައުރީސިއޯ އީސްލާ އެވެ.

ހޫނުވެގެންދިޔަ މެޗުގައި ޗިލީ ލަނޑު ޖެހުމުގެ ކުރިން، އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައިފަ އެވެ. އަދި މެޗުގައި ބާކީ ދެ މިނިޓު އޮއްވައި އުރުގުއޭގެ ޑިފެންޑަރު ޖޯޖޭ ފުޗިލޭ އަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފަ އެވެ.

ސެމީ ފައިނަލްގައި ޗިލީއާ ދެކޮޅަށް ނުކުންނާނީ މިރޭ ބޮލީވިއާ އާއި ޕެރޫ ބައްދަލުކުރާ ކުއާޓާ އިން މޮޅުވާ ޓީމެކެވެ.

ޗިލީ އަށް 1916 ވަނަ އަހަރު ތައާރަފްކުރި ކޮޕާ އެމެރިކާ މުބާރާތް އަދި ކާމިޔާބެއް ނުކުރެވެ އެވެ.