ކުޅިވަރު

އިމްރާންގެ ޝަރަފުގައި ރައީސް ސޯލީހް މިރޭ ގަލޮޅު ދަނޑަށް!

ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، އޭނާގެ ޝަރަފުގައި މިރޭ ކުޅޭ ހާއްސަ މެޗަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަނޑަށް ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިރޭ ނުވައެއް ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ވާދަ ކުރާނީ، އިމްރާންގެ ޓީމާއި އެފްއޭއެމްގެ ޓީމާ ދެމެދުގަ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ރައީސް ސޯލިހް މިރޭގެ މެޗަށް ވަޑައިގަންނަވާނެ ކަމުގެ ކަށަވަރުކަން ދެއްވާފައިވާ ކަމަށެވެ.

މިރޭގެ މެޗުގައި ޓިކެޓް ގަނެގެން ގުރުއަތުން ހޮވޭ ފަރާތްތަކަށް އެފްއޭއެމުން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ. އެއީ މިރޭ މެޗުގެ ހާއްސަ މެހެމާނުން ކަމަށްވާ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާއެކު ފޮޓޯއެއް ނެގުމުގެ ފުރުސަތެވެ.

މިރޭގެ މެޗުގައި ޝުމައިކަލް އާއި ސަލްގާޑާ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ. ޔުނައިޓަޑްގެ އޭރުގެ ކޯޗް އެލެކްސް ފާގަސަންއަށް ޝުމައިކަލް ފާހަގަވީ، ޑެންމާކުގެ ގައުމީ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗުތަކުގައި ޝްމައިކަލް ދެއްކި މޮޅު ކުޅުމުންނެވެ. ޝުމައިކަލް ޔުނައިޓަޑަށް ގެނެއުމަށް ފަހު، ފާގަސަން އޭރު ސިފަ ކޮށްފައި ވަނީ، ޝްމައިކަލް އަކީ ޔުނައިޓަޑަށް ގަރުނުގައި ލިބުނު އެންމެ ބޮޑު ފައިދާ ކަމަށެވެ. ސަބަބަކީ، އޭރު ޝްމައިކަލްގެ ހުނަރު ޑެންމާކުން ބޭރުގައި އެހާ މަޝްހޫރު ކަމެއް ނުލިބޭއިރު ޔުނައިޓަޑުން އޭނާގެ ސޮއި ހޯދުމުންނެވެ. ޝްމައިކަލް ޔުނައިޓަޑަށް ގެނައުމުން އޭނާގެ ނަން މަޝްހޫރުވި އެވެ. އޭނާ ޔުނައިޓަޑްގައި ކުޅުނު އަށް އަހަރު ތެރޭގައި އޭނާ ވަނީ ޔުނައިޓަޑާއެކު ފަސް ފަހަރަށް ޕްރިމިއާ ލީގް ހޯދާފަ އެވެ. އެފްއޭ ކަޕް ތިން ފަހަރު ހޯދި އެވެ. ލީގް ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގް އެއް ފަހަރު ހޯދި އެވެ.

ޝުމައިކަލްގެ މަޝްހުރޫކަން މުޅި ދުނިޔޭގައި ވިދާލީ، އާދަޔާ ހިލާފް ގޮތަކަށް 1992 ވަނަ އަހަރު ޑެންމާކުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ސްޕެއިންގެ ކުރީގެ ޑިފެންޑަރު ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށީ ސެލްޓެ ޑެ ވިގޯއިންނެވެ. އެ ކުލަބަށް 11 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް މެޑްރިޑުން އޭނާ ގެނައީ 1999 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޕެރިސްގައި ހުންނަ ފްރާންސްގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު 2000 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރަން ރެއާލްގެ ފެނާންޑޯ މޮރިއެންޓެސްއަށް ބޯޅަ ތަނަވަސް ކޮށްދިނީ ސަލްގާޑޯ އެވެ. އޭގެ ދެ އަހަރު ފަހުން ނުވަ ވަނަ ފަހަރަށް ރެއާލުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އެ ޓީމުގައިވެސް އޭނާ މޮޅަށް ކުޅުނެވެ. ރެއާލްއަށް އޭނާ ކުޅުނު 10 އަހަރުގެ ތެރެއިން ފުރަތަމަ ހަތް އަހަރު ގަވައިދުން ފުރަތަމަ 11 އިން ޖާގަ ހޯދި އެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިިރު އޭނާ ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ގައުމީ ޓީމަށް މެޗު ކުޅެފަ އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މުބާރަތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތެވެ. ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އިމްރާން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފައިނަލުވެސް ހިމެނެ އެވެ.

މިރޭގެ މެޗުގައި، އިމްރާންގެ ޓީމަށް އިރުޝާދު ދޭނީ، ގައުމީ ޓީމުން އިމްރާންނަށް ޖާގަ ދިން ކުރީގެ ގައުމީ ކޯޗް ބަލްގޭރިއާގެ ޔުރޮދާން އިވަނޯވް ސްޓައިކޯވް އެވެ. އެފްއޭއެމްގެ ޓީމަށް ކޯޗު ކޮށްދޭ ގޮތަށް ކުރިން ހަމަޖެހިފައި ވަނީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އެވެ. އެހެންނަމަވެސް އެފްއޭއެމުން ވަނީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ނިޒާމްގެ ނަން ލިސްޓް ކުރުމަށް ފަހު، ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މިހާރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޗުކަމަށް ހަމަޖައްސާފަ އެވެ.