ހަބަރު

އާ ގާނޫނަކީ ކުލި ކޮންޓްރޯލް ކުރަން ހަދާ ގާނޫނެއް ނޫން: މިނިސްޓަރު

Dec 30, 2018
20

ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނުގައި ކުލި ކޮންޓްރޯލް ކުރުން ނުހިމެނޭނެ ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންކަން މިހާރު ގޮސްފައިވާ ހިސާބު ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެ ގާނޫނަކީ ޓެނެންސީ އެކްޓްގެ ގާނޫނެއް ކަމަށެވެ.

"އޭގައި ދިވެހި ބަހުން ލިޔެފައި އޮންނާނެ، އެއީ އެ ގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނެއްކަން، ކުލި ކޮންޓްރޯލް ކުރުމުގެ ވާހަކައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ގާނޫނަކީ އިމާރާތްތައް ކުއްޔަށް ދިނުމާބެހޭ މުއާމަލާތްތައް ހިނގަމުންދާއިރު އޭގައި ހުންނަންޖެހޭ ހުރިހާ ބައިތަކާއި ޝަރުތުތައް ކުރެވިފައި ހުންނަންޖެހޭ ތަފްސީލްތައް ހިމެނޭ ގާނޫނެއް ކަމަށެވެ.

"އޭގައި އޮންނާނެ ކޮން ފެންވަރެއްގައި ހުންނަންޖެހޭ ތަނެއްކަން، އެޑްވާންސް ޕޭމެންޓް ކުރިއަށްގެންދާނެ ގޮތް، އެޑްވާންސް ޕޭމެންޓް ނަގަން ޖެހިއްޖެ ހާލަތެއްގައި ނެގޭނެ ގޮތް، މުއްދަތެއް ކަނޑައަޅަންޏާ އެގްރީމެންޓް ކުރެވޭނެ މުއްދަތެއް ކަނޑައެޅޭނެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ގާނޫނަކީ ކުއްޔަށްދޭ މީހާ އާއި ކުއްޔަށް ހިފާ މީހާގެ ހައްގުތަކާއި އެތަންތަނުގައި ހުންނަންޖެހޭ އެހެން ޒަރޫރީ ޝަރުތުތައް އެކުލެވޭ ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނު އެކުލަވާލެވިގެންދާނީ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުމާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން އިއުލާން ކޮށްފައިވަނީ އެ ގާނޫނު ޑްރާފްޓްކޮށް ދޭނެ ފަރާތެއް ހޯދުމަށެވެ.