ހަބަރު

"ރިލްވާނާއި އަފްރާޝީމް އަދި ޔާމީންގެ މައްސަލަ އޮތީ ގުޅިފައި"

Dec 30, 2018
11

މަޝްހޫރު އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އޮތީ ގުޅިފައި ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންއާ އަފްރާޝީމް އަދި ޔާމީންގެ މައްސަލަތައް ތަހުގީގު ކުރިއިރު ތިން މައްސަލަ ވެސް ހިނގާފައި ވަނީ އެއް ޕެޓާންއެއްގައި ކަމަށެވެ. އަދި ތިން މައްސަލަ ވެސް އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެއް ޕެޓާންއަކަށް އެކަތި އަނެކައްޗާ ގުޅުން ހުރި ކަމަށް އަޅުގަނޑު މި ބަލަނީ، ތިން މައްސަލަ ވެސް އޮތީ ގުޅިފައި،" ސުއޫދު ވިދާޅުވި އެވެ.

ރިލްވާންއާ އަފްރާޝީމް އަދި ޔާމީންގެ މައްސަލާގައި ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަން ފާހަގަ ކުރައްވަމުން ސުއޫދު ވިދާޅުވީ އެ ތިން މައްސަލާގައި ވެސް އާ ހޯދުންތަކާއި މައުލޫމާތުތައް ހޯދިފައިވާ ކަމަށެވެ. އެގޮތުން ވަރަށް ގިނަ މީހުން ހާޒިރުކޮށް ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ މައުލޫމާތުތަކުގެ އަލީގައި މުޅި މައްސަލަތަކުގައިވެފައި އޮތް ގޮތް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.

ސުއޫދު ވިދާޅުވީ ތިން މަރުގެ މައްސަލަ ފުލުހުންގެ ތެރޭގައި ތަހުގީގު ކުރެވިގެން ދިޔަ އިރު އެ މުއައްސަސާތަކަށް އައި ބަދަލުތަކާއެކު މައްސަލަތަކުގެ ތަހުގީގުގެ މިސްރާބަށް ވެސް ބަދަލު އައިސްފައިވާ ކަމަށެވެ. އަަދި އެކި މަރުހަލާތަކާއި އެކި އަހަރުތަކުގައި ބައެއް މައްސަލަތައް އަލުން ބަލަން ފަށާފައިވާ އިރު އާ މައުލޫމާތުތައް ވެސް ފުލުހުންނަށް ހޯދިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ސުއޫދު ވިދާޅުވީ އަފްރާޝީމްގެ މައްސަލާގައި 2013 ގައި ވެރިކަން ބަދަލުވުމާ ހަމައިން މަރުގެ ތަހުގީގު އޮތީ ހުއްޓިފައި ކަމަށެވެ. ނަމަވެސް އެ މައްސަލަ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަލަން ފަށާފައިވާ ކަމަށާއި އަަނެއްކާވެސް ހުއްޓިފައި އޮތުމަށް ފަހު މި އަހަރު ނޮވެމްބަރު މަހު އާ ތަހުގީގު ކޮމިޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރިލްވާން މައްސަލާގައި ދުވަސްވެ، މާހައުލު ބަދަލުވުމުގެ ސަބަބުން ކުރިން ނުބެލި ހުރި އާ ކަންތައްތަކެއް ބަލަން ފެށިފައި އެބަހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ކުރިން ނުބެލޭ މައުލޫމާތުތަކަށް މިހާރު ވާސިލުވެފައި އެބަހުރި ކަމަށާއި އެކަންކަން ފުލުހުން ރަނގަޅަށް ހިއްސާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާތަކަށް އައި ބަދަލުތަކާ ގުޅިގެން ތަހުގީގު އެބަހުރި އަލުން ފްރެޝްކޮށް ފައްޓަވައިފަ، އޭގެ ސަބަބުން އާ މަައުލޫމާތުތައް ލިބިވަޑައިގެންފައި އެބަހުރި، އެ ހުރިހާ މައުލޫމާތެއް ވަނީ އަޅުގަނޑުމެންނަށް ހިއްސާކޮށްފައި، ދެތިން މަރުހަލާއަކަށް ތަހުގީގުތައް ބެހިގެން ދިޔުމުން އޭގައި އައި ފުރޮޅުންތަކުގެ ސަބަބުން އިތުރު މައުލޫތުތަކެއް ލިބިފައި އެބަ ހުރި،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެ މައްސަލަތައް ކުރިން ހީކުރި މިންވަރަށް ވުރެ އަވަހަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބައެއް ބާރުތައް ނުލިބި ހުރުމާ ގުޅިގެން ގޮންޖެހުންތަކެއް ހުރި ކަމަށާއި ނަަމަވެސް އަންނަ އަހަރު އޭޕްރިލް މަހު ހުރިހާ މައްސަލައެއް ތަހުގީގުކޮށް ނިންމާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.