ލައިފްސްޓައިލް

ހަޔާތަށްޓަކައި މިއަހަރު ކުރާނީ ކޮން ކަމެއް؟

އަހަރެއް ނިމި އާ އަހަރެއް ފެށޭ ދުވަސްވަރަކީ ދިރިއުޅުމުގެ ކަންކަމާ ގުޅޭ ގޮތުން އާ އުއްމީދުތަކެއްކޮށް އާ ލަނޑުދަނޑިތަކެއް ކަނޑައެޅުމުށް ރަނގަޅު ފުރުސަތަކަށް އޮންނަނީ ވެފައެވެ. ވޭތުވެދިޔަ އަހަރާއި މެދު ވިސްނާ ފިކުރުކޮށް އެ އަހަރުން ދަސްވީ ކަންކަމާއި ރަނގަޅު ކުރަން ބޭނުން ކަންކަން އަދި ބަދަލު ކުރުމަށް ބޭނުން ކަންކަން ބަދަލުކުރަން ލިބޭ ފުރުސަތަކަށް އާ އަހަރު ވެއެވެ.

ދިރިއުޅުން ހަރުދަނާ ކުރުމަށާއި އުޖާލާ ކުރުމަށް އާ އަހަރުގައި އާ ލަނޑުދަނޑިތަކެއް ކަނޑައެޅުމާއެކު މި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރާނެ މަސައްކަތްތަކަކީ ކޮބައި ކަމާމެދު ވިސްނުމަކީ މުހިއްމު ކަމެވެ. ލަނޑުދަނޑިތައް ކަނޑައެޅުމުގައި ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައެޅުމުގެ ބަދަލުގައި، ތިމަންނާއަށް ކުރެވިދާނެ ވަރުގެ ކަންތަކެއް ކަނޑައެޅުމާއި، ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކަނޑައަޅާ ވަގުތަކީ އެކަމެއް ހާސިލް ކުރުމަށް ނުވަތަ ނަތީޖާ ނެރުމަށް އެކަށީގެންވާ ވަގުތުތޯ ބެލުންވެސް މުހިއްމެވެ. އަދި މީގެ އިތުރުން މި ލަނޑުދަނޑިތަކަކީ މާ ފަސޭހައިން ހާސިލު ކުރެވޭ އެއްޗެއްގެ ބަދަލުގައި ޗެލެންޖިން އެއްޗެއް ކަމުގައިވެސް ވާން ޖެހެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަކީ އުމުރުގައި، ހަނދާނުގައި ބަހައްޓަން ބޭނުން އަހަރެއް ނަމަ މި އަހަރުގައި މިކަންތައްކުރުން އަމާޒު ހިފަން ރަނގަޅެވެ.

ދަތުރު ކުރުން

ރާއްޖޭގެ ރީތި ރަށްތަކުގެ ތެރެއިން މަދުވެގެން ދޭއް ނުވަތަ ތިން ރަށަކަށް ޖައްސާލައި ޖަޒީރާ ދިރިއުޅުމާއި ވައްޓަފާޅި ތަޖުރިބާކޮށްލުން މިއީ 2019 ވަނަ އަހަރަށް ކަނޑައެޅިދާނެ ލަނޑުދަނޑިއެކެވެ. ރާއްޖޭގެ ރަށްތަކުގެ އިތުރުން ތަނަވަސްކަން ހުރި މިންވަރަކުންނާއި ވަގުތު އޮތްވަރަކުން ރާއްޖޭއިން ބޭރު ގައުމަކަށް ގޮސްލައި އެ ގައުމެއްގައި 10 ވަރަކަށް ދުވަސް ހޭދަކޮށްލުން މިއީ ވެސް ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމެކެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އަމިއްލަ ގައުމު ނޫން ގައުމަކަށް އެކަނި ގޮސް އުޅެލުމަކީ މީހާގެ ސެލްފް ކޮންފިޑެންސް ބިލްޑްވާ ނުވަތަ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކޮށްދޭ ކަމެކެވެ.

10 ކިލޯމީޓަރުގެ ދުވުން ނުވަތަ ހިނގުމެއްގައި ބައިވެރިވުން

ރާއްޖޭގައި އެކި އެކި އިޖްތިމާއި ކަންކަމަށް މުޖުތަމައުގެ ލޯ ހުޅުވުމަށާއި ފަންޑްރެއިޒް ކުރުމަށް ތަފާތު އެކި ނަމުގައި އެކިއެކި ކޯޒްތަކަށް ދުވުން ވައިގައި ހިފާފައިވާއިރު މިފަދަ ދުވުމެއްގައި ބައިވެރިވެ ޗެލެންޖް ކޮށްލުމަކީވެސް 2019 ވަނަ އަހަރު ކުރާނެ އާ ތަޖުރިބާއަކަށް ނުވަތަ ލަނޑުދަނޑިއަކަށް ހަދާލުން ރަނގަޅެވެ. މިފަދަ ދުވުމަކަށް ތައްޔާރު ވުމަކީ މީހާގެ ސެލްފް ޑިސްޕްލިން ރަނގަޅުވުމުގެ އިތުރުން ގިނަ ބަޔަކާއެކު ހިއްސާކުރާ ތަޖްރިބާއަކަށް ވެސް ވާނެ ކަމެކެވެ.

މޫދު ކުޅިވަރެއްގައި ބައިވެރިވުން

ޑައިވްކުރުން ނުވަތަ ސްނޯކްލިން ކުރަން އެއް ފަހަރު ނަމަވެސް ދިއުން މިއީ 2019 ވަނަ އަހަރަށް ކަނޑައަޅަން ރަނގަޅު އަޒުމެކެވެ. މި ޖަޒީރާ ގައުމުގައި ވަށައިގެންވާ ކަނޑާއި އެ ކަނޑުގެ ރީތި މަންޒަރުތައް ބަލައިލުމަށް ޑައިވް ސުކޫލަކާއި ގުޅިގެން ފުރުސަތެއް ހޯދާ މި ކަމުގެ ހިތްހަމަޖެހުމާއި އުފާހޯދުން ވެސް މިއީ ކުރަން ރަނގަޅު ކަމެކެވެ.

އިޖުތިމާއީ ކަމެއްގައި ވޮލަންޓިއާ ކުރުން

ހުރިހާ ވަގުތެއް މަޖާ ކުރުމުގައި އާއި ކޮފީ މޭޒުތަކުގައި ދުފުމާއި ސިނގިރޭޓް ބުއިމުގަ ބަދަލުގައި އިޖްތިމާއި ކަމެއް ރާވައި މުޖުތަމައަށް ފައިދާވާނެ ކަހަލަ ލަނޑުދަނޑިއެއް ވެސް ކަނޑައެޅިދާނެ އެވެ. މިގޮތުން ގޮނޑުދޮށުން ކުނި ސާފުކުރުމާއި ޕްލާސްޓިކް ނޭޅުމަށް އެދި ބޯޑް ހަރު ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ލޭ ހަދިޔާ ކުރެވިދާނެ!

ދުވަހަކުވެސް ލޭ ހަދިޔާ ނުކުރާނަމަ އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިގޮތުން ލޭ ހަދިޔާ ކުރުމުގެ ކުރީގައި ޑޮކްޓަރެއް ނުވަތަ ސިއްޙީ ހިދުމަތްތެރިއަކާއި މަޝްވަރާކޮށް ލަފާ ހޯދުމަށްފަހު މިއީ ކުރެވިދާނެ ކަމެކެވެ.

ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ކެއުން

އާ އަހަރަކީ ގިނަ ބަޔަކު އަބަދުވެސް ޑައެޓް ކުރަން ފަށާ ދުވަސްވަރަކަށް އޮންނަނީ ވެފަ އެވެ. މީގެ ބަދަލުގައި މުޅި އަހަރުތެރޭގައި ބަރުދަން ލުއިކޮށް ބެހެއްޓުމުގެ ގޮތުން ހަށިގަނޑަށް ފައިދާހުރި ރަނގަޅުކާނާ މެދުމިންވަރަކަށް ކެއުމާއި، ރޭގަނޑު ލަސްވުމުން ނުކެއުމާއި ހަކުރާއި އެނާޖީ ޑްރިންކްސް ދުރުވުން މިއީ ކުރެވިދާނެ ކަންތައްތަކެވެ.

ކަސްރަތުކުރުމާއި ހެލިފެލިވެއުޅުން

ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުރުކުމުގައި ވެސް ތިމާ ގަޔާވާ ކަސްރަތުތަކެއް ހޯދާ ދެމެހެއްޓެނިވި ގޮތެއްގައި މި ކަން ކުރަން ކަނޑައެޅުން މުހިއްމެވެ. ދުވުން، ޖިމަށް ދިއުން، ފެތުން، ބޫޓޫ ކޭމްޕްތަކަށް ދިއުމާއި އަމިއްލައަށް ޒުމްބާ ޖެއްސުންވެސް މީ ކުރެވިދާނެ ކަންކަމެވެ. ކަސްރަތަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ ކަމަކަށްވާއިރު އައު ތަޖުރިބާތަކެއް ކުރުމަށް އައު އަހަރުގައި ކަނޑައެޅިދާނެއެވެ.

ސްކްރީންޓައިމް މަދުކުރުމާއި އާއިލީ ގުޅުންތައް ބަދަހިކުރުން

ސްކްރީންތަކުގެ އަޅުންނަށް ވުމުގެ ބަދަލުގައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ގުޅުން ބަދަހި ކުރުން ވެސް މިއީ ކުރެވިދާނެ ކަމެކެވެ. އަދި އާއިލީ ގުޅުން ބަދަހި ކުރުމަށް އާއިލާގެ އެއްމެން އެއްވުންތަކާއި، ކެއުމާއި ދަތުރު ދިޔުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

ބޭނުންވާ އާ ހުނަރެއް ދަސްކުރުން

ތިމާއަށް ލިބިފައިވާ ހުނަރާއި ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ޝައުގުވެރިވާ ކޮންމެވެސް އާ ކަމެއް ދަސްކުރުން ވެސް މިއީ ކަނޑައެޅިދާނެ މުހިއްމު ލަނޑުދަނޑިއެކެވެ. މިގޮތުން ފަތަން ދަސް ކުރުން، ކައްކަން ދަސްކުރުން، ކޮފީ އާޓް ދަސްކުރުން، ޔޯގާ ހަދާ ފްލެކްސިބިލިޓީ އިތުރު ކުރުން، އެހެން ބަހެއް ދަސްކުރުން ނުވަތަ ފަހަން ދަސްކުރުމަކީ ވެސް އާ އަހަރެއްގައި ކުރެވިދާނެކަން ކަމެވެ.

ޑީކްލަޓާ ކުރުން ނުވަތަ ބޭނުން ނޫން ތަކެތި އުކާލުން

ތޮއްޖެހިފައިވާ ސިޓީއެއްގައި ރާއްޖޭގެ އާބަދީގެ ބޮޑު ބަޔަކު ދިރިއުޅެމުންދާއިރު ބޭނުން ނުކުރާ ތަކެތި އުކާލައި ގެންގުޅޭ ތަކެތި މަދުކުރުން އެއީ މުހިއްމު ކަމެކެވެ. ރިސާޗްތަކުން ދައްކާގޮތުގައި ދިރިއުޅޭ ގޭގައި މާ އެއްޗިހި ގިނަވެ ތަރުރީބު ނެތުމަކީ މީހާގެ ސްޓްރެސް އިތުރުވާ ކަމެކެވެ. އެހެންކަމުން މިގޮތުން ވެސް ހިތްހަމަޖެހުން ހޯދަން ބޭނުން ނުކުރާތަކެތި ޑޮނޭޓް ކުރުމާއި ހަލާކުވެފައިވާ ތަކެތި އުކާލާ އާ އަހަރަކަށް މަރުހަބާ ކިޔަމާ ހިނގާށެވެ.