މިއަދަކީ 8 އޭޕްރީލް 2022 ވީ ހުކުރު ދުވަސް ނޫން ދުވަހެއް ކަމަށް ގަބޫލުކުރަން އެއްވެސް މީހަކަށް މާ ފަސޭހައެއް ނުވާނެ އެވެ. ނަމަވެސް ވެސްޓަން ޖޯޖިއަން ކަލަންޑަރު ބޭނުން ކުރާ ގައުމުތަކުގެ މީހުން ގަބޫލުކުރާނީ މިއީ 2022 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަސް ކަމަށެވެ.
ނަމަވެސް މި ކަލަންޑަރަށް ތަބާ ނުވާ ބައެއް ގައުމުތައް ދުނިޔޭގައި އެބަހުއްޓެވެ. އަދި އަހަރެއްގައި އިންނަނީ 12 މަސް ކަމަށް ތަބާ ނުވާ ބަޔަކު އުޅޭ ގައުމެއް ވެސް އެބައޮތެވެ. އެއީ އެފްރިކާގެ ގައުމެއް ކަމަށްވާ އިތިއޯޕިއާ އެވެ.
އެ ގައުމުގެ ކަލަންޑަރުގައި ކޮންމެ އަހަރެއްގައި ވެސް 13 މަސް އޮވެ އެވެ.
ޓިކްޓޮކްގައި ދާދިފަހުން މީހަކު ޝެއާ ކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި އަހަރެމެން އާންމުކޮށް ތަބާވާ ކަލަންޑަރުތަކާ އިތިއޮޕިއާގެ ކަލަންޑަރު މުޅިން ތަފާތެވެ. މީލާދީ އަހަރުން ބަލާއިރު އެ ގައުމު އުޅެނީ އެހެން ގައުމުތަކަށް ވުރެ ހަތް އަހަރު ފަހަތުގަ އެވެ.
އިތިއޮޕިއާ މީހުން ގެންގުޅެނީ އެމީހުންގެ އަމިއްލަ ކަލަންޑަރެކެވެ. އެ ކަލަންޑަރުގައި ހުންނަނީ އެމީހުންގެ އަމިއްލަ ތާރީޚުތަކެވެ.
އިތިއޮޕިއާ ހަތް އަހަރު ފަހަތުގައި އޮތީ ކީއްވެ؟
އެމީހުން ކަލަންޑަރު ބެލުމުގައި ގެންގުޅޭ ގޮތް އެހެން މީހުން ގެންގުޅޭ ގޮތާ ތަފާތެވެ. އެމީހުންގެ ކަލަންޑަރުގައި 13 މަސް އޮވެ އެވެ. މީގެ ތެރެއިން 12 މަހުގައި އޮންނަނީ 30 ދުވަހެވެ. އެންމެ ފަހު މަހަށް އެމީހުން ކިޔަނީ ޕަގުމޭ އެވެ. ޕަގުމޭގައި އޮންނަނީ ފަސް ދުވަހެވެ. ލީޕް އަހަރެއް ނަމަ ހަ ދުވަހެވެ. މިއާ ޚިލާފަށް މީލާދީ ކަލަންޑަރުގައި އޮންނަނީ 30 ދުވަހާއި 31 ދުވަހެވެ. އަދި ފެބްރުއަރީ މަހު 28 ނުވަތަ 29 ދުވަހެވެ.
އެމީހުންގެ ކަލަންޑަރު މިގޮތަށް އޮތުމުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ފޮލޯކުރާ މީލާދީ ކަލަންޑަރާއި އެމީހުންގެ ކަލަންޑަރުގެ ތަފާތު މާބޮޑުވީ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެމީހުން އަދި އުޅެނީ 2014 ވަނަ އަހަރު އެވެ.
އަދިވެސް އިތުރު ވަރަށް ބޮޑު ތަފާތެއް އިތިއޮޕިއާ މީހުންގެ ކަލަންޑަރުގައި ވެއެވެ. އެމީހުންގެ އާ އަހަރު ފެށެނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ. ލީޕް އިޔާއެއް ނަމަ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.
ނަމަވެސް މިޒަމާނުގައި އިތިއޮޕިއާއަށް ދަތުރުކުރާ މީހުންނަށް މި ކަލަންޑަރުގެ ސަބަބުން މާބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވާނެ އެވެ. ސަބަބަކީ އިތިއޮޕިއާގެ ގިނަ މީހުންނަށް މީލާދީ ކަލަންޑަރު އެނގޭތީ އެވެ. އަދި އެމީހުންގެ އަމިއްލަ ކަލަންޑަރާ އެކު މީލާދީ ކަލަންޑަރު ވެސް ގެންގުޅޭތީ އެވެ.