ދުނިޔެ

ބަންގްލަދޭޝް އިންތިހާބަކީ ޑިމޮކްރަސީއަށް ކުރި މަލާމާތެއް: އިދިކޮޅު

Jan 1, 2019

ޑާކާ (ޑިސެމްބަރު 31) - ބަންގްލަދޭޝްގައި ވެރިކަން ކުރާ ޕާޓީން ބޮޑު ތަފާތަކުން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް، ހަތަރު ވަނަ ދައުރަކަށް މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ހޮވިވަޑައިގެންފާއިރު، އެ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެގައުމުގެ މައި އިދިކޮޅު ޕާޓީން ބުނެފި އެވެ.

ހަމަނުޖެހުމާއި ތުހުމަތުތަކުގެ ތެރޭގައި، ބަންގަލްދޭޝްގައި އާދީއްތަ ދުވަހު ވޯޓުލާފައިވަނީ، 300 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށެވެ. އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނަތީޖާ އިއުލާނުކޮށްފައިވާ 298 ގޮނޑީގެ ތެރެއިން 287 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޝެއިޚް ހަސީނާގެ ޕާޓީންނެވެ.

ނަމަވެސް، މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ބުނީ ގިނަ ވޯޓު ފޮށިތަކަށް ދުރާލާ ވޯޓު އަޅައި މުޅި އިންތިހާބު އޮޅުވާލާފައިވާ ކަމަށެވެ.

"މި އިންތިހާބަކީ ޑިމޮކްރަސީއަށް ކުރި މަލާމާތެއް، އަދި ބަންގްލަދޭޝްގައި ޑިމޮކްރަސީ އިޔާދަކުރުމަށް ލިބުނު ފުރުސަތުވަނީ ގެއްލިފައި،" އެ ޕާޓީގެ ގެނެރަލް ސެކްރެޓަރީ އަދި ހަތް ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބުކުރެއްވި މިރުޒާ ފަޚުރުލް އިސްލާމް އަލަމްގީރު ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި، އަލުން އިންތިހާބެއް ބޭއްވުމަށް އދިކޮޅު އިއްތިހާދުން ވަނީ ގޮވާލައިފަ އެވެ.

ޕާލަމަންޓު އިންތިހާބާއި ދިމާކޮށް އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު، 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލި އިންތިހާބުގައި، 600،000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

އިންތިހާބާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 17 ވަރަކަށް މީހުން މަރުވެފައިވާއިރު، ދޮގު ހަބަރު ފެތުރުމާއި، ހަމަނުޖެހުން އުފައްދަން ޖާގަ ނުދިނުމަށްކަމަށް ބުނެ، އެ ގައުމުގައި މޮބައިލްތައް މެދުވެރިކޮށް އިންޓަނެޓަށް ވަދެވޭ ހިދުމަތްވަނީ ކަމާބެހޭ އިދާރަތާކުން ކަނޑާލައިފަ އެވެ.