ދުނިޔެ

ބަންގްލަދޭޝްއަށް ޔުރޭނިއަމް ޝިޕްމަންޓެއް

ރަޝިއާގެ އެހީތެރިކަމާ އެކު ބަންގްލަދޭޝްގައި ބިނާކުރާ ނިއުކްލިއާ ޕަވާ ޕްލާންޓް ހިންގަން ބޭނުންވާ ޔުރޭނިއަމް ޝިޕްމަންޓެއް، ބަންގްލަދޭޝްއަށް ލިބިއްޖެ އެވެ.

ބަންގްލަދޭޝްގައި ބިނާކުރާ ރޫއްޕަރު ނިއުކްލިއާ ޕަވާ ޕްލާންޓުން 2،400 މެގަވޮޓް އުފައްދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ގާތްގަނޑަކަށް 15 މިލިއަން ގޭބިސީއަށް ކަރަންޓް ދެވޭ މިންވަރެކެވެ.

ބަންގްލަދޭޝްގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރަނީ ރަޝިއާގެ ރޮސަޓޮމް ނިއުކްލިއާ ކޯޕަރޭޝަނުންނެވެ. މި ޕްލާންޓަށް ފަންޑުކުރަނީ ވެސް ރަޝިއާ އެވެ. ރަޝިއާއިން 11.38 ބިލިއަން ޑޮލަރު މި ޕްރޮޖެކްޓަށް ހޭދަކުރެ އެވެ. ލޯން ދައްކާ ޚަލާސްކުރުމަށް 20 އަހަރަށް ވުރެ ގިނަ ދުވަސް އޮތީ ދީފަ އެވެ. ލޯނު ދައްކަން ފަށަން ޖެހެނީ 2027 އިންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރަޝިއާއިން ބަންގްލަދޭޝްއަށް ޔުރޭނިއަން ޝިޕްމަންޓްތައް އަދިވެސް ފޮނުވާނެ އެވެ، ފުރަމަތަ ޝިޕްމަންޓް ހަވާލުކުރަން އޮތީ އިޝްވަރުދީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން -- ވީޑިއޯ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ޕޫޓިން ވިދާޅުވީ މި ޕްރޮޖެޓްގެ އަމާޒަކީ ބަންގްލަދޭޝްއަށް ބޭނުންވާ ހަކަތައިގެ 10 ޕަސެންޓް ކަވަރުކުރުން ކަމަށެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރުމަކީ ބުރަ ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވެ، ޕޫޓިން ވިދާޅުވީ މި ޕްރޮޖެކްޓައި 20،000 މީހުން ބައިވެރިވާ ކަމަށެވެ. އަދި ނިއުކްލިއާ ޕަވާ ޕްލާންޓް ހިންގައި ބެލެހެއްޓުމަށް 1،000 އަށް ވުރެ ގިނަ މީހުން ތަމްރީންކުރެވިފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ އެއްބާރުލުމާ އެކު ރަޝިއާއަށް މި ބިނާކުރެވެނީ ހަމައެކަނި ނިއުކްލިއާ ޕަވާ ޕްލާންޓެއް ނޫން ކަމަށާއި ބަންގްލަދޭޝްގައި ބިނާރެވެނީ އެޓޮމިކް އިންޑަސްޓްރީއެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ބޮޑުވަޒީރު ހަސީނާ ވިދާޅުވީ ނިއުކްލިއާ ރިއެކްޓަރު ބިނާކުރެވެނީ ގުދުރަތީ ހާލަތްތަކަށް ބަލައި، މޫސުމަށް އަންނަ ބަދަލުތަކުން ގެއްލުން ކުޑަކުރެވޭނެ ގޮތް ބަލައިގެން ކަމަށެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓް ހިންގަން ފެށުމަށް ފަހު އުކާލަން ހުންނަ ނިއުކްލިއާ މާއްދާތައް ރަޝިއާއަށް އަނބުރާ ގެންދާނެ ކަމަށް ވެސް ހަސީނާ ވިދާޅުވި އެވެ.