ދުނިޔެ

ބަނގުލަދޭޝްއަށް ރަޝިއާއިން ނިއުކްލިއާ ފިއުލް ސަޕްލައި ކުރަނީ

ބަންގުލަދޭޝްގައި އަންނަ އަހަރު ހުޅުވަން މަސައްކަތްކުރާ ރުއްޕޫރު ނިއުކްލިއާ ޕަވާ ޕްލާންޓަށް ބޭނުންވާ ނިއުކްލިއާ ފިއުލް، ރަޝިއާއިން ސަޕްލައި ކޮށްދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރަޝިއާ، ބަންގުލަދޭޝް 2015 ގައި ސޮއިކުރި އެއްބަސްވުމުގައި އޮތް ގޮތުން، ބަންގުލަދޭޝްގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކޮށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރުމަކީ ރަޝިއާއަށް އޮތް ކޮންޓްރެކްޓެކެވެ.

ރަޝިއާގެ ނިއުކްލިއާ އެނާޖީ ކޮމްޕެނީ -- ރައްސާތަމްގެ ސީއިއޯ އެލެކްސީ ލިކްޗެފް ވިދާޅުވި ގޮތުގައި އޮކްޓޯބަރުން ފެށިގެން ބަންގުލަދޭޝްއަށް ނިއުކްލިއާ ފިއުލް ސަޕްލައި ކުރަން ފަށާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް އޮންނާނީ ދަންނަވާފަ އެވެ.

އެލެކްސީ ލިކްޗެފް ވިދާޅުވި ގޮތުގައި ނިއުކްލިއާ ފިއުލްއާ ގުޅުން ހުރި ހުރިހާ ކަމެއް ކުރެވޭނީ އިންޓަނޭޝަނަލް ނިއުކްލިއާ އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ ބެލުމުގެ ދަށުން ކަމަށްވެސް ބޮޑުވަޒީރަށް ދެންނެވި ކަމަށެވެ.

ސީއީއޯ އަދި ވިދާޅުވީ ބަންގުލަދޭޝްގައި ރުއްޕޫރު ނިއުކްލިއާ ޕަވާ ޕްލާންޓް ބިނާކޮށް ނިމޭއިރު ހުންނާނީ ކުރިން އެއްބަސްވި ގޮތަށްވުރެ ވެސް ފުރިހަމަކޮށް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ނިއުކްލިއާ އެނާޖީ އޭޖެންސީ އެދޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ހަސީނާއަށް އެރުވި މައުލޫމާތުތަކުގެ ތެރޭގައި، ސީއީއޯ ވިދާޅުވީ ރުއްޕޫރު ނިއުކްލިއާ ޕަވާ ޕްލާންޓަކީ ސަރަހައްދަށް ގޮންޖަހާ ވަރުގެ ނިއުކްލިއާ ޕަވާ ޕްލާންޓަކަށް ވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ބޭކާރު ގޮތުގައި ނިއުކްލިއާ ލީކުވުން ފަދަ ކަމެއް ނުހިނގާނެ ކަމަށް ދެންނެވި ކަމަށް އެލެކްސީ ލިކްޗެފް ވިދާޅުވި އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑުގައި ހުއްޓުންއަރާފައި އޮތުމަށް ފަހު މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.

ރަޝިއާ، ބަންގުލަދޭޝްއިން ސޮއިކުރި މި ކޮންޓްރެކެޓްގެ އަގަކީ 12.6 ބިލިއަން ޑޮލަރެވެ. މި އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ޕަވާ ޕްލާންޓް އޮޕަރޭޓްކުރާ މީހުންވެސް ރަޝިއާއިން ތަމްރީން ކުރާނެ އެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓަށް އޮޕަރޭޓަރުން ތަމްރީން ކުރުމަށް ރަޝިއާއިން މިހާރު ވަނީ ޓްރޭނިން ސެންޓަރެއް ވެސް ހުޅުވާފަ އެވެ.