ދުނިޔެ

ރަޝިއާގެ މަނަވަރުތައް ފަސް ދުވަހަށްފަހު ކިއުބާއިން ފުރައިފި

ރަޝިއާގެ އަސްކަރީ މަނަވަރުތައް ކިއުބާއަށް ކުރި ދަތުރު ފަސް ދުވަހަށްފަހު ނިންމާލާއި ވެރިރަށް ހަވާނާގެ ބަނދަރުން ފުރައިފި އެވެ.

ރަޝިއާގެ ނިއުކްލިއާ މަނަވަރުތައް ހަވާނާގައި ބަނދަރުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި މަނަވަރުތައް ކިއުބާއަށް ދިޔައީ ނިއުކްލިއާ ގާބިލުކަމާ ނުލަ އެވެ.

އެމެރިކާއާ މިހާ ގާތަށް ރަޝިއާގެ އަސްކަރީ މަނަވަރުތަކެއް -- ހައިޕާސޮނިކް މިސައިލް އުދުއްސުމަށް ކުޅަދާނަ މަނަވަރުތަކެއް ދިއުމުން އެމެރިކާ އޮތީ ރުޅިގަދަވެ ކަންބޮޑުވެފަ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ކިއުބާއަށް ރަޝިއާގެ މަނަވަރުތަކެއް ދަތުރުކުރުމަކުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް ނޯންނާނެ އެވެ. އެއީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ހަވާނާގެ ބަނދަރުގައި މަނަވަރުތައް ބަނދަރުކުރުމުން ކިއުބާގެ ރައީސް، މެގޭލް ޑިއާޒް ކޭނަލް މި މަނަވަރުތަކަށް ޒިޔާރަތްކުރެއްވި އެވެ. އަދި ދަތުރުގެ ބޭނުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން މަނަވަރުތައް ދައްކައިދެނީ ރަޝިއާ އާއި ކިއުބާއާ ދެމެދު އޮތް ޒަމާންވީ ގާތްކަމާއި އެކުވެރިކަމެވެ. މިއީ އެއްވެސް ބަޔަކު ތުރުތުރުއަޅާ ވަރުގެ ހަރަކާތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ މި ދަތުރަށް އެމެރިކާ އޮތީ ވަރަށް ބޮޑަށް ފާރަވެރިވެ އެވެ. ކުއްލި ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނިއުކްލިއާ ސަބްމެރީންތަކެއް، ގުއަންޓަނާމޯބޭގައި އޮންނަ އެމެރިކާގެ އަސްކަރީ ބަނދަރަކަށްވެސް ޕެންޓަގަނުން ފޮނުވި އެވެ.

ގުއަންޓަނާމޯބޭ އަކީ ކިއުބާގެ ގުއަންޓަނާމޯ ޕްރޮވިންސްގައި އޮންނަ ބަނދަރެކެވެ. މި ބަނދަރު އޮންނަނީ ކިއުބާގެ އިރުދެކުނު ކޮޅުގަ އެވެ. މި ބަނދަރު އޮންނަނީ އެމެރިކާގެ ބާރުގެ ދަށުގަ އެވެ. އެއީ މި ދެ ގައުމުގެ ދެމެދުގައި 1903 ގައި ހަދާފައި އޮންނަ ލީޒް އެއްބަސްމުގެ ދަށުންނެވެ.

ހަވާނާ ބަނދަރު އޮންނަނީ ކިއުބާގެ ހުޅަނގު އުތުރު ކޮޅުގަ އެވެ. ރަޝިއާގެ މަނަވަރުތައް ބަނދަރުކުރީ މި ބަނދަރުގަ އެވެ.

ގުއަންޓަނާމޯބޭގައި އެމެރިކާގެ ނިއުކްލިއާ މަނަވަރުތަކެއް ބަނދަރުކުރުމުން ކިއުބާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ކިއުބާގެ ހާރިޖީ ވަޒީރުގެ ނައިބު ވިދާޅުވި ގޮތުގައި އަސްކަރިއްޔާއަށް ދެވޭ ދައުވަތެއްގެ ބޭރުން ހަތިޔާރުއެޅި އުޅަނދުތަކެއް މިނިވަން ގައުމެއްގައި ބަނދަރުކުރުމަކީ އިސްތިއުމާރީ ސިފަތަކެއް ކަމަށެވެ.