ދުނިޔެ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ނަމަވެސް މިނިވަންކަން ދަމަހައްޓާނެ: ރަޝިއާ

ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގާ ޚާއްސަ އޮޕަރޭޝަނަކީ ބަޔަކު އެދިގެން ކުރާ ކަމެއް ނޫން ކަމަށް ރަޝިއާގެ ސަލާމަތީ މަޖިލީހުގެ ނައިބު ދިމިތުރީ މެދުވޭދެފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެއީ ރަޝިއާގެ މިނިވަންކަމަށާއި ދެމިއޮތުމަށްޓަކައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ރަޝިއާގެ މިނިވަންކަން ދެމެހެއްޓެން އޮތީ ނިއުކްލިއާ ހަތިޔާރުން ކަމަށްވާ ނަމަ އެއީ ވެސް ރަޝިއާ ދޫކޮށްލާނެ ފުރުސަތެއް ނޫން ކަމަށް ދިމިތުރީ މެދުވޭދެފް ވިދާޅުވި އެެވެ.

މެދުވޭދެފް މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ -- ޔުކްރޭން ހަނގުރާމަ ނިމެން އޮތް އެންމެ ފަސޭހަ ގޮތަކީ -- ޔުކްރޭންގެ ބިންތައް ހިސޯރުކުރުން ރަޝިއާއިން ދޫކޮށްލުމުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޕޮލޭންޑްގައި ވާހަކަދެއްކެވުމުންނެވެ.

މެދުވޭދެފް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓޭނީ އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލުމުންނެވެ.

ނިއުކްލިއާ ހަތިޔާރު އުފައްދައި އިތުރުކުރުން ހުއްޓާލުމާ ބެހޭ ގޮތުން ރަޝިއާ އާއި އެމެރިކާއާ ދެމެދު ވެފައި އޮތް އެއްބަސްވުން -- ނިއު ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ (ސްޓާޓް) އަށް އަމަލުކުރުން ހުއްޓާލާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުން މަދުކުރުމާ ބެހޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާ ނުކުރާނެ ކަމަށްވެސް ރަޝިއާ އޮތީ ބުނެފަ އެވެ.

އެމެރިކާ ދެކޭ ގޮތުގައި މި މުއާހަދާއިން ރަޝިއާ ބޭރުވުމަކީ އޮތް ކަންބޮޑުވުމެކެވެ. އަދި މި އެއްބަސްވުމަށް ރަޝިއާ ރުޖޫއަކުރުމަށް އެމެރިކާ ބުރައުފުލާނެ އެވެ.

މެދުވޭދެފް ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަދުކުރާ މުއާހަދާއެއް އެމެރިކާއާ އެކު ބޭނުން ނުވާނެ ކަމަށެވެ.

ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމާ ބެހޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރަމުން ދަނިކޮށް އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކީ ރަޝިއާގެ ހަލާކަށް އެމެރިކާ އެދޭ ކަމުގެ ހެއްކެއް ކަމަށް މެދުވޭދެފް ވިދާޅުވި އެވެ.

އެމެރިކާ މިހާރު މަސައްކަތްކުރަނީ ދުރު ރާސްތާ ހަތިޔާރާއި ފައިޓަރު ޖެޓް ޔުކްރޭނަށް ފޮނުވަން ކަމަށް ވިދާޅުވެ މެދުވޭދެފް ވިދާޅުވީ ރަޝިއާ ސުންނާފަތިކުރަން ހިތްވަރުދޭ ބަޔަކާ އެކު ހަދާނެ މުއާހަދާއެއް ނެތް ކަމަށެވެ.