ދުނިޔެ

ކަނޑުގެ ސިފައިންނަށް ހައިޕާސޮނިކް މިސައިލް ދޭނެ: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުން އެ ގައުމުގެ ކަނޑުގެ ސިފައިން ދޭ ހަމަލާއެއް އަމާޒުން ކައްސާލައިގެން ނުވާނެ އެވެ. ކަނޑުގެ ސިފައިން ބާރުވެރި ކުރުވައި ޒަމާނީ ހަތިޔާރުން މުއްސަނދި ކުރުމަކީ ވިސްނުންފުޅު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުން ކުރިއަށް ދެތިން މަހެއްހާ ދުވަސް ތެރޭގައި ކަނޑުގެ ސިފައިންނަށް ޒިރުކޯމް މަރުކާގެ ހައިޕާސޮނިކް ކުރޫޒް މިސައިލް ފޯރުކޮށްދޭނެ އެވެ. ދުޝަމަނުން އަމާޒުތައް އެއްޝޮޓުން ބޭކާރުކޮށްލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ މިނިވަންކަމަށް ގޯނާކުރާ ނަމަ ރަޝިއާގެ ރައްދު ވިދުވަރެއްހާ ހަލުއިވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ރަޝިއާ އަކީ ހަމަ ތިބެފައި އެއްވެސް ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ގައުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޕޫޓިން ވިދާޅުވީ ރަޝިއާގެ އިމަށް ވަދެ ނޭވާލާން ހުންނަ ވައިކޮޅު ދަމައިގަންނަ ހިސާބަށް ދިއުމުން ކަންތައް ވަރަށް ގޯސްވާނެ ކަމަށެވެ. ދުނިޔެ މިހާރު އެ ދެކެނީ އެ ފަދަ މަންޒަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ "ނޭވީ ޑޭ" ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެެރިވެ ވަޑައިގެން ޕޫޓިން ވިދާޅުވީ ޝައުގުވެރިކަން އޮންނަ ދިމަދިމާއާށް ފޮނުވާ އަސްކަރީ އުޅަނދުތަކުގައި ޒިރުކޮން މިސައިލް ހަރުކުރާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުން ރަޝިއާއަށް އޮތް އެންމެ ބޮޑު ތުރާލަކީ އެމެރިކާ އެވެ. ނޭޓޯއަށް ވަސްވާސްދީގެން ގޯސް ހައްދަނީ ވެސް އެމެރިކާ ކަމަށް ވިދާޅުވި އެވެ.