ހަބަރު

ސައިބާ ސެކިޔުރިޓީއާއެކު ޓެކްނޮލޮޖީ ދާއިރާއަށް ގާނޫނުތައް ހަދަނީ

Jan 1, 2019
4

ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުން ހިފުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ގާނޫނީ ރައްކާތެރިކަން ނެތުން ކަމުގައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ، ސައިބާ ސެކިޔުރިޓީއިން ފެށިގެން، ޑޭޓާ ޕްރައިވަސީ އާއެކު ޖުމްލަ ފަސް ބިލެއް ޑްރާފްޓް ކުރުމަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ނިންމަންޖެހޭނީ ބޮޑު އެއް ގާނޫނެއްތޯ ނޫނީ ވަކިވަކި ގާނޫނުތަކެއްތޯ، އެކަން ކުރުމުގެ މައިގަނޑު ވިސްނުމަކީ މިހާރުވެސް ބޭރުގެ ޕޭމަންޓް ގޭޓްވޭތައް ރާއްޖެ ގެނުއަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި، އެޕަލް ޕޭ، ވީޗެޓް، ގޫގުލް ވޮލެޓް، ފަދަ ހިދުމަތްތައް ރާއްޖެއަށް ގެނެވޭނީ އެ ކުންފުނިތައް ބޭނުންވާ ލީގަލް ފްރޭމްވާކް ހެދިގެން، އޭގެ ހުރަހަކަށްވެފަ އޮތީ ގާނޫނުތައް ނެތުން."

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ދާއިރާގައި އުޅޭ ގާބިލު ޒުވާނުންނަށް ހުރި ގޮންޖެހުންތަކަކީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ފައިސާ ނެތުމުގެ އިތުރުން އެމީހުންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގައި ދިމާވާ ދަތިތައް ކަމަށެވެ.

ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެސްއެމްއީ ބޭންކެއް ވުޖޫދުވުމާއެކު ދާއިރާގެ ޒުވާނުންނަށް ވިޔަފާރި ފެށުމަށް އެއްވެސް ރަހުނަކާއި ނުލައި ލޯނު ހޯދަން ފަސޭހަވެގެންދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން ގާނޫނުތައް ވުޖޫދަށް ގެނެވި އެމެޒަން، ގޫގުލް ވޮލަޓް، އެޕަލް ޕޭ ފަދަ ހިދުމަތްތައް އައުމުން، ރާއްޖޭގެ ޕްރޮޑަކްޓްތުތައް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ދޮރު ހުޅުވޭނެ، މިއީ ބޯޑާލެސް ދުނިޔެއެކޭ، މިހާރު ގައުމުތައް ޑިފައިންވަނީ ބޯޑަރަކުން ނޫނޭ، ކުޑަ ރަށެއްގައި ހުރި މީހަކަށް ވިޔަސް މުޅި ދުނިޔެއަކީ އޭނާގެ މާކެޓޭ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގާނޫނުތަކުގެ އިތުރުން، އާ މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ ޕޯސްޓުގެ ހިދުމަތްވެސް ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެކަމަށް މަލީހު ހާމަކުރެއްވި އެވެ.

"ޕޯސްޓަލް ސާވިސް ފުޅާކޮށް، ބޮޑު ރިފޯމެއް ގެނައުމުގެ ވިސްނުން އެބަހުރި، ޕާރުސަލް ލިބުމުގެ އިތުރުން ދުނިޔޭގެ ކޮންމެ ތަނަކަށް ފަސޭހައިން ފޮނުވާލެވޭނެ ނިޒާމެއް ގާއިމުކުރުން، ކަސްޓަމްސް ގާނޫނަށް ގެނެވޭ ބަދަލަކުން ނަމަވެސް ސީދާ ގެއަށް ޑެލިވާ ކުރެވޭ ފަހުން އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް،" ވަޒީރު ވިދަޅުވި އެވެ.

މަލީހު ވިދާޅުވި ގޮތުގައި، ޕޯސްޓަލް ހިދުމަތަށް އެފަދަ ބަދަލެއް ގެނައުމުން، މި ދާއިރާގެ އިތުރުން، ކުދި ވިތަފާރިތަކާއި އާންމުންގެ ބައެއް މީހުން އުފައްދާ، ރާއްޖޭގެ އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.