ހަބަރު

ފުލުހުންގެ "ރައްޔިތުންގެ ހިޔާލު" އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ހިޔާލާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރަން ގާއިމް ކުރާ "ރައްޔިތުންގެ ހިޔާލު" އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

އެ ޕޯޓަލް މިއަދު ހެނދުނު އިފްތިތާހު ކޮށް ދެއްވީ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދެވެ. އޮންލައިން ޕޯޓަލް އިފްތިތާހު ކޮށްދެއްވުމަށްފަހު ހަމީދު ވިދާޅުވީ އެ ޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުން ކަމަށެވެ.

އަދި ވިދާޅުވީ އެޕޯޓަލް މެދުވެރިކޮށް ފެބްރުއަރީ 15 އާއި ހަމައަށް ހުށަހެޅޭ ހިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރާނެ ކަމަށާއި، އޭގެ ފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.

ފުލުހުން ބުނީ މިއަދު އިފްތިތާހުކުރި ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓްތައް www.police.gov.mv އަދި www.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ހިޔާލުތައް ހުށަހެޅޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.