ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް އަލުން ބަދަލު ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލު ކުރަން ނިންމީ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ސަމާއު ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީހާ ގުޅުން ހުރި ވަރަށްވެސް މުހިންމު ތަނަކަށްވާތީ ކަމަށެވެ. އެނަން ބަދަލު ކުރަން ނިންމީ ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރީގެ ލަފާގެ ދަށުން ކަމަށެވެ. އަދި އެބަދަލާއެކު ރަސްރަނި ބަގީޗާގެ ނަން އަލުން ރީބްރޭންޑްކޮށް ލޯންޗުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށސްވެސް ޝަމާއު ވިދާޅުވި އެވެ.
ސަލްޓަން ޕާކްގެ ނަން، ރަސްރަނި ބަގީޗާއަށް ބަދަލުކޮށް ހުޅުވީ، އޮގަސްޓް 21، 2017 ގަ އެވެ. ކުރީގެ ރަސްކަމުގެ ގަނޑުވަރު ހުރި ބިމުގައި ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ހަދާފައިވާ އެ ޕާކުގެ ނަން ބަދަލު ކުރި އެއީ ފުރަތަމަ ފަހަރެވެ. ހައުސިން މިނިސްޓްރީ އިން އޭރު ބުނި ގޮތުގައި އެ ޕާކަށް ރަސްރަނި ބަގީޗާ ކީ ކުރީގެ ރަސްރަސްކަލުންނާއި ރަނިންނަށް އެ ތަން ނިސްބަތްކޮށް ކަމަށެވެ. އަދި ރަސްރަނި ބަގީޗާއަށް އެތަނުގެ ނަން ބަދަލުކޮށް ހުޅުވިއިރު، އެތަނަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެ ޕާކް ތަރައްގީކޮށް ހުޅުވީ، އެންޓަޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށެވެ. އެގޮތުން އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް މުނިފޫހި ފިލުވުމުގެ ކަންކަން ކުރެވޭ ގޮތަށް އެތަން ވަނީ ރާވައިފަ އެވެ. އަދި ކުރީގެ ގަނޑުވަރެއް ކަމަށްވާ، އުސްގެކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފެންއަރުވާ ވަޑާމަކާއި ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ވިންޓާ ތީމް ޕާކެއް ވެސް އެތަނުގައި ހިމެނެ އެވެ.
ސަލްޓަން ޕާކް ހަދާފައިވާ ތަނަކީ 1968 ވަނަ އަހަރު ރާއްޖޭގައި އޮތް ރަސްކަން ނިމުނު އިރު އޭރުގެ ގަނޑުވަރު ހުރި ތަނެވެ. ރަސްކަން ނިމުމުން އެތަން ޕާކަކަށް ބަދަލުކުރީ އެވެ. އެ ޕާކަށް މިހާރު ވަނީ 50 އަހަރު ފުރިފަ އެވެ. މި ޕާކަކީ މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރާއި މާފަންނާއި މަންޗަންގޮޅި އާއި ގަލޮޅު ގުޅޭ ތަނެވެ.