ސަލްޓަން ޕާކަށް ނަން ބަދަލުކޮށްފައިވާ ރަސްރަނި ބަގީޗާގައި ހުންނަ ތާރީހީ އުސްގެ ކޮޅު، ބާ މުދާ ރައްކާ ކުރާ ގުދަނަކަށް ހަދައި ބޭނުން ކުރަމުން އެބަދެ އެވެ.
އުސްގެކޮޅު ހިމެނޭ ރަސްރަނި ބަގީޗާ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުން ތަރައްގީ ކުރީ ހެރިޓޭޖް ޕްލާޒާ ސެންޓަރެއްގެ ގޮތުގަ އެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ ސަގާފީ ކުޅިވަރުތަކާއި ސަގާފީ އެކި ކަންކަމުގެ މައުލޫމާތު ލިބޭ ތަނެއްގެ ގޮތުގައި ބަގީޗާ ޑިވެލޮޕް ކުރި އެވެ.
ނަމަވެސް ބަގީޗާގައި ހުންނަ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ އެ އުސްގެކޮޅު މިހާރު ބޭނުން ކުރަނީ ބާ މުދާ ވައްދާ ގުދަނަކަށެވެ. އެތަން ގުދަނަކަށް ބޭނުން ކުރަމުންދާއިރު ތާރީހީ އެ އުސްގެކޮޅަށް އަޅައި ނުލައި ކަމުގެ ޝަކުވާ ކުރިން ވަރަށް ބޮޑުވެފައި އޮތެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އުސްގެކޮޅު ގުދަނަކަށް ބޭނުން ކުރާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. މޭޔަރު ވިދާޅުވީ މިހާރު އެއީ ބައެއް ސާމާނު ރައްކާ ކުރާ ގުދަނެއްގެ ގޮތަށް ބޭނުން ކުރުމުގެ އިތުރުން ރަސްރަންޏާ ގުޅޭ ގިނަ ލިޔުންތަކާއި އެއްބަސްވުންތަކެއް ގުދަން ކުރާ ތަނެއް ކަމަށެވެ. އަދި އެ ލިޔުންތައް ރިވިއުކޮށް ބައެއް މައްސަލަތައް ކޯޓަށް ވެސް ގެންދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މަޝްވަރާ ކޮށްގެން އެ އުސްގެކޮޅާއި ސަލްޓަން ޕާކާ މެދު ރައްޔިތުންގެ ހިޔާލާއެކު ގޮތްތަކެއް ނިންމާނަން،" ޝިފާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ސަޕްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުވުމުން އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ވެރިކަަން ހިންގާ ޕާޓީން ވވަރަށް ބޮޑަށް ފާޑު ކިޔައި އާސާރީ ތަންތަނާއި ތާރީހަށް އަޅައި ނުލާ ކަމުގެ ޝަކުވާތައް ކުރި އެވެ.