ދިޕިކާ ޕަދުކޯން

ދިޕިކާ އާއި ރަންވީރު ހަނީމޫނަށް ރާއްޖޭގައި

ދީޕިކާ ފަދުކޯން އާއި ރަންވީރު ސިންގް، އާ އަހަރު އަނެއްކާވެސް މިފެށީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގަ އެވެ. އެކަމަކު މިފަހަރު ތަފާތު ވަނީ، މި ދެ ތަރިންގެ ހަނީމޫންގެ ފުރަތަމަ މަންޒިލަކަށް ރާއްޖެ ވާތީ އެވެ. ދިޕިކާ އާއި ރަންވީރު މިދިޔަ ނޮވެމްބަރު 15 ގައި ކައިވެނި ކުރީ، އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ބޮޑު ޕާޓީއެއްގަ އެވެ. އެ މީހުންގެ ހަނީމޫން ދަތުރު އާ އަހަރާ ހަމަޔަށް ލަސްވީ މިދިޔަ ހުކުރު ދުވަހު ރިލީކުރި، ރަންވީރުގެ "ސިމްބާ" ގެ ޕްރޮމޯޝަންގައި އޭނާ ބިޒީކޮށް އުޅެން ޖެހުމުން އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށް ދިން ގޮތުގައި އެދެމަފިރިން ރާއްޖެ އައީ، މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި މިދެތަރިން މިފަހަރު ޗުއްޓީ ހޭދަކުރަނީ ނ. އަތޮޅުގައި އޮންނަ، އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގަ އެވެ. މީގެ ކުރިން "ކޮފީ ވިތް ކަރަން" ޝޯގައި ވެސް ދިޕިކާ ބުނެފައި ވަނީ އޭނާ ހަނީމޫންއަށް އެންމެ ދާހިތްވަނީ ރާއްޖެއަށް ކަމަށެވެ. ދެމަފިރިން ތިބީ އަދިވެސް ރާއްޖޭގައި ކަމަށްވެ އެވެ.

ދީޕިކާ އާއި ރަންވީރު މީގެ ކުރިން ވެސް އެކިފަހަރު މަތިން ރާއްޖެއަށް ވަނީ އައިސްފަ އެވެ. އެގޮތުން ފިލްމު ޕަދްމަވާތީ ޝޫޓިންގައި ބުރަކޮށް އުޅުމަށްފަހު، 2018 ގައި ވެސް އާ އަހަރު ފާހަގަ ކުރީ ރާއްޖޭގެ ރީތިކަމުގެ ތެރޭގަ އެވެ.

މި ދެ ތަރިންނަށް ހުއްޓޭ ސަމާލުކަން ބޮޑުކަމުން، ޗުއްޓީ ހޭދަކުރާ ގައުމެއް ސިއްރު ކުރުމަށް ދީޕިކާ އާއި ރަންވީރުގެ ޓީމުން އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. މިފަހަރުވެސް އެކަން އޮތީ ހަމަ އެގޮތަށް ބާއްވައިފަ އެވެ.

މި އަހަރު ތެރޭގައި ދިޕިކާގެ ފިލްމެއް ފެންނާނެކަން ޔަގީނެއް ނޫނެވެ. ނަމަވެސް ރަންވީރު 2018 ނިންމާލީ، އޭނާގެ ކާމިޔާބު ފިލްމަކުން އެވެ. އަދި އާ އަހަރު ފަށާނީ، އާލިއާޔާ އެކު ރަންވީރު ކުޅެފައިވާ، "ގަލީ ބޯއީ"އިން އެވެ. ދިޕިކާގެ
ފިލްމަކަށް އޮތީވެސް މެގްނާ ގުލްޒާރެވެ. އެކަމަކު އެ ފިލްމް ނިކުންނާނެ ދުވަހެއް ނޭނގެ އެވެ.