ހަބަރު

ކަޅުވަކަރު މިސްކިތް ރާވަން ބައިވެރިވާނަންތަ؟

ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހެދި ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ، ހިލޭސާބަހަށް ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް އެސެމެސް ކުރުމަށެވެ. އެކަން ކުރުމަށް ނަމްބަރެއް ވެސް އާންމު ކޮށްފައި ވެއެވެ. އެއީ 7957266 މި ނަމްބަރެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ސަރުކާރުން ނިންމާފައިވަނީ ސަލްޓަން ޕާކް/ ރަސްރަނި ބަގީޗާގެ ތެރޭގައި އެވެ. މިސްކިތް އަލުން ބަހައްޓާނެ ތަނަކާމެދު ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމެއްވެސް ބޭއްވި އެވެ. އެފަހަރު އެންމެ ގިނަ ބަޔަކު އެދުނީ މާލެ ނުވަތަ ހުޅުމާލޭގައި މިސްކިތް ބެހެއްޓުމަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، އަދި މީހުނަށް ނަމާދު ވެސް ކުރެވޭނެ އިންތިޒާމުތަކާއެކު އެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ. ކަޅުވަކަރު މިސްކިތަކީ އެތައް ހާއްސަ ވަނީ މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރުމާއި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތުމުންނެވެ.

ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ. އެގޮތުން މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 90 ދުވަސް ތެރޭގައި ކަޅުވަކަރު މިސްކިތް ރޭވުމަށެވެ.

ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ ކުޑަކުޑަ ކަޅުވަކަރު މިސްކިތް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިސޯޓަކަށް ނީލަން ކިޔައި އެ މިސްކިތް ހުރީ އެ ރިސޯޓްގަ އެވެ. އެހެން ނަމަވެސް މައުމޫންގެ ވެރިކަމުގައި 1979 ގައި އެ މިސްކިތް މާލެ ގެނެސް އަލުން ރާވައި ވަނީ ހުޅުވައިފަ އެވެ. އޭގެ ކުރިން ވެސް އެ މިސްކިތް މާލޭގެ އެކި ސަރަހައްދުތަކަށް އެކި ޒަމާންތަކުގައި ބަދަލުކޮށްފައިވެ އެވެ.

އެ މިސްކިތް މިހާރު ހުރީ ގދ. ތިނަދޫއަށް ގެންދިޔުމަށް ރޫޅާލި ގޮތަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގަ އެވެ.