ރައީސް އޮފީސް

ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާ އާންމުކުރަނީ

ރައީސް އޮފީހުގައި ތިބި ހުރިހާ ސިޔާސީ ފަރާތްތަކެއްގެ މާލީ ބަޔާން އަންނަ ހަފްތާ އާންމު ކުރައްވަން އެ އޮފީހުން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ހާސިލްވި މިންވަރާ ގުޅޭ ގޮތުން މީޑިއާތަކަށް އެ އޮފީހުގައި މިއަދު ދިން ޕްރެޒެންޓޭޝަނެއްގެ ތެރެއިން، ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އޭސީސީ ފަދަ މުއައްސަސާތަކުގެ މަޝްވަރާޔާ ވެސް އެކުގައި ކަމަށެވެ. އަދި މާލީ ބަޔާންތައް އާންމު ކުރުމުގައި، ހިމަނަން ޖެހޭ ކަންކަމުގެ މަޝްވަރާ އެފަދަ ފަރާތްތަކުގެ ކިބައިން ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް އޮފީހުން ބުނީ ސަރުކާރުގެ ހުރިހާ ސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން މިއަހަރު ނިމުމުގެ ކުރިން އާންމު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސް އޮފީހުން މިހާރު ހަމަޖައްސާފައިވާ ގޮތުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމުގެ ކުރިން ރައީސް އޮފީހުން ގެންދަނީ އެފަދަ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފު ކުރަމުން އެވެ. އެކަމަށް ހާއްސަ ފޯމެއް ރައީސް އޮފީހުން ވަނީ ތައާރަފްކޮށްފަ އެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.