ހަބަރު

އެންމެ ކަންބޮޑުވާ ކަންކަމަކީ ޖަލުގައި މީހުން މަރުވުމާއި އަނިޔާ ކުރުން: ކޮމިޝަން

ޖަލުތަކުގެ ހާލަތު ބަލަމުންދާއިރު، އެންމެ ކަންބޮޑުވާ ކަންތައްތަކަކީ ޖަލުގައި މީހުން މަރުވުމާއި، އަނިޔާ ކުރުމާއި، ބޭސް ފަރުވާ ލަސްވުން ކަަމަށް ޖަލުތައް އޮޑިޓް ކުރަން އުފައްދާފައިވާ ކޮމިޝަނުން ބުނެފި އެވެ.

ޖަލު ކޮމިޝަންގެ މަސައްކަތްތަކާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ނޫސްވެެރިންނަށް މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެކޮމިޝަންގެ މެމްބަރު ޝަހިންދާ އިސްމާއިލް ވިދާޅުވީ، ޖަލު ތަކުގެ ހާލަތު ދެނެގަތުމަށް ހަދާ އޮޑިޓް ރިޕޯޓަށް ބޭނުންވާ މައުލުމާތު ހޯދުމަށް އެކިކަންކަމުގެ ތަފްސީލުތަކަށް މިހާރު ދައުލަތުގެ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ.

މިވަގުތަށްވެސް ޖަލުތަކުގެ އެންމެ ކަންބޮޑުވާ ކަންކަމަކީ ޖަލުގައި މީހުން މަރުވުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ބޭސްފަރުވާގެ ކަންކަން ލަސްުވުން ކަމަށާއި، އެކަންކަމަށް ހައްލު ގެނައުމަށް ރެކޮމެންޑޭޝަންތަކެއް ރޮޕޯޓްގައި ހިމަނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަންގެ މެމްބަރު އަހުމަދު އަބުދުލް ކަރީމް ވިދާޅުވީ، އެކޮމިޝަންގެ މަސައްކަތް ނިންމުމަށް ލިބިފައިވަނީ 75 ދުވަސް ކަމަށާއި، 18 ޑިސެމްބަރުން ފެށިގެން އެ ދުވަސްތައް ގުނަން ފަށާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނަކީ ތަހުގީގީ އިދާރާއެއް ނޫން ކަަމަށާއި، އެއްވެސް ސިޔާސީ ފަރާތެއްގެ ނުފޫޒެއް ނެތި އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ކޮމިޝަނުން ހަދާނީ ފައިނޭންޝިއަލް އޮޑިޓަކަށް ނުވިކަމުގައިވީނަމަވެސް، ކޮރަޕްޝަންގެ އަމަލެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މައްސަލައެއް ބަލަން ހުށަހަޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަނުގެ މަސައްކަތް ކުރިޔަށް ގެންގޮސް މައުލޫމާތު ހޯދަނީ ހަތަރު ގޮތަކަށް ކަމަށާއި، އެއީ މުއައްސަސާތަކުގެ ވެރިންގެ ކިބައިންނާއި، ކަމާއި ގުޅޭ ގާނޫނާއި ގަވާއިދުތަށް ދިރާސާކޮށް އަމަލު ކުރެވޭ މިންވަރު ބެލުމާއި، ޖަލުގެ ކަންކަމާއި ގުޅޭ ގޮތުން އަންމު ފަރާތްތަކަށް މައުލުމާތު ހުށަހަޅަން ފުރުސަތު ދިނުމާއި، އެންގުމަކާއި ނުލާ ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖަލުތަށް އޮޑިޓް ކުރަން އެކުލަވާލާފައިވާ 7 މެމްބަރުންގެ ކޮމިޝުގައި ހިމެނޭ މެމްބަރުންނަކީ އަހުމަދު އަބުދުލް ކަަރީމާއި، ޝަހިންދާ އިސްމާއިލާއި، އަހުމަދު މުހައްމަދު ފުޅާއި، ޑރ. އަބުދުﷲ އިސްނީނާއި، ޝާދިޔާ އާދަމްގެ އިތުރުން، ޒުލޭޙާ ދާއޫދާއި، އައިމިނަތު ނާހީން އެވެ.