ހަބަރު

ބޭއިންސާފުން ވަޒީފާ ގެއްލުނު އަދި ބަދަލުކުރި 451 މައްސަލަ ހުށަހެޅި: ރައީސް އޮފީސް

ބޭއިންސާފުން ސިޔާސީ މަގުސަދަކަށްޓަކައި ވަޒީފާ ގެއްލުވާލުމާއި، ބަދަލު ކުރުމުގެ 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކޮށް ނިމިފައިވާ ކަންކަން މީޑިއާތަކާއި ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައިސް އޮފީހަށް މިހާތަނަށް ނުހައްގުން ވަޒީފާ ގެއްލުވާލުމާއި ބަދަލު ކުރުމުގެ 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ވަޒީފާ ބަދަލު ކުރި މީހުން މައްސަލަ ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އެވެ. އެ މައްސަލަތަށް ހުށަހެޅުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ވައުދުވެ ރައީސް ސޯލިހް ވަނީ ކޮމެޓީއެއް އުފައްދަވާފައެވެ. އެވައުދަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ހަމަޖައްސާފައިވާ ވައުދެކެވެ.

ރައީސް އޮފީހުން ބުނީ އެ މައްސަލަތަށް ނިންމުމަށް ވަކި ދުވަހެއް ކަނޑައަޅާފައިނުވާ ކަމަށާއި، އެ މައްސަލަށް ކޮމިޓީއިން ބަލައި ވީ އެންމެ އަވަހަކަށް އެކަމުގައި އިންސާފު ހޯދަދޭނެ ކަަމަށެވެ.