ހަބަރު

ވަޒީފާއިން ވަކިކުރުމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރައީސް އަބުދުﷲ ޔާމީންގ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ ޝަކުވާތަށް ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރު ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ކުރިން ހުޅުވާލި މުއްދަތު، މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުކޮށްދީފައިވާ ކަަމަށެވެ.

ރައީސް އޮފީހުން ބުނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށެވެ. މީގެ ކުރިން މި ފުރުސަތު ހުޅުވާލާފައިއޮތީ 3 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ، ރައިސް އޮފީހަށް މިހާތަނަށް ނުހައްގުން ވަޒީފާ ގެއްލުވާލުމާއި ބަދަލު ކުރުމުގެ 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޝަކުވާތައް އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއިން ބަލަމުންގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގުސަދަކަށް މީހުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށަކަށް ބަދަލުކުރުންފަދަ ކަންކަން ވަނީ ހިނގާފަ އެވެ.