ގޭގައި ކަރަންޓު އުފައްދުމަށް ފަހު ސަރުކާރަށް ވިއްކޭ ގޮތަށް ގާނޫނީ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަަމަށާއި އޭގެ ސަބަބުން ކަރަންޓުގެ އަގު އިންތިހާއަށް ކުޑަވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމުގެ އެންމެ ބޮޑު ރޯލު އަދާ ކުރަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި އެގޮތުން މިހާރު ހުރި މިންވަރަށް ވުރެ ވެސް ބޮޑަށް ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ. އާންމު ގޮތެއްގައި އުފައްދަމުން އަންނަ ޑީސަލް ކަރަންޓުގެ ބަދަލުގައި މިހާރު ބޭނުން ކުރަންވީ އަވިން ހަކަތަ އުފައްދައިގެން ކަމަށާއި އެރުން އެތައް ގުނައަކުން އަގު ކުޑަ ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވިލިނގިލީގައި ކަރަންޓު އުފެއްދުމުގެ އަގު މިއަދު ހުންނާނީ ހަ ރުފިޔާ ހަތް ރުފިޔާއަށް ޔުނިޓެއް، ވިލިނގިލީ އަދި ކޮލަމާފުށީގައި ވިއްކާ އާންމު އަގަކަށް ހުންނާނީ ހަ ރުފިޔާ ހަތް ރުފިޔާއަށް، އެހެން ނަމަވެސް މިއަދު އެ ކަރަންޓަކީ ދެ ރުފިޔާ ބަޔަށް ވުރެ ބޮޑުކޮށް މީހަކު އުފައްދައިގެން ވިއްކާ އެއްޗެއް ނޫން، އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެ ބަދަލު ގެނެވޭނީ ޕަވާ ޕާޗަސިން އެގްރީމަންޓު ހެދޭ ގޮތަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ކަރަންޓު އަމިއްލައަށް އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކުމުގެ އެގްރީމަންޓު އޮނިގަނޑަށް ތައާރަފް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށް ޝައުގުވެރިވާ އެތައް ބަޔަކު ތިބި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ކަރަންޓު އަމިއްލަ ގޭގައި އުފައްދާފައި ސަރުކާރަށް ކަރަންޓު ވިއްކެން އެބައޮތް، އެ މަސައްކަތް ކުރަން ބޭނުންވާ އެތައް ކުންފުންޏެއް ދުނިޔޭގައި އެބަވޭ، ރާޢްޖެއަށް އެ މީހުން ނާންނަންވީ އެއް ގޮތެއް ވެސް ނުހެދޭނެ، ހަމައެކަނި ބަދަލު ކުރަންވީ ގާނޫނީ އޮނިގަނޑު،" ނަޝީދު ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން މިހާރު ވެސް ވަނީ ޑީސަލް އިން ނަގާ ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފަ އެވެ.