ހަބަރު

އޮންލައިންކޮށް ވޯކު ވިސާ ދެއްކޭނެގޮތް ހަދައިފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ކިއުގައި ނުޖެހި އޮންލައިންކޮށް ވޯކު ވިސާ ދެއްކޭނެގޮތް ހަދައިފި އެވެ.

އޮންލައިންކޮށް ވޯކް ވިސާ ޕޭމަންޓް ދެއްކޭނެ ގޮތް މީރާގެ ޓެކްސް އެކަޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހު ކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންސް ޔަޒީދު މުހައްމަދު ވިދާޅުވީ، މީރާއަކީ ގިނަ ރައްޔިތުންތަކެއް ހިދުމަތްހޯދަމުން އަންނަ ތަނަކަށްވާއިރު، އެތަނުން ވީހާވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް ހިދުމަތް ލިބޭނެގޮތް ހަމަޖައްސަން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

މީގެ އިތުރުން އޮންލައިންކޮށް މިހާރުވެސް މީރާއިން އެކި ހިދުމަތްތަށް ދެމުން ގެންދާއިރު، ވޯކު ވިސާގެ ފީ ދެއްކޭނެގޮތް މިހާތަނަށް އޮތީ ނުހެދި ކަމަށާއި، އެހެން ނަމަވެސް މިއަދުން ފެށިގެން އެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ. މީރާ އިން ފައިސާ ބަލައިގަންނަ އެހެން ޕްލެޓްފޯމްތަކާއި ހިލާފަށް ވޯކް ވިސާ ފީ ބަލައިގަންނަ ޕްލެޓްފޯމަކީ އެންސީއައިޓީގެ އެހީތެރިކަމާ އެކު ގާއިމުކުރި ސިސްޓަމެކެވެ.