ރައީސް އަބްދުﷲ ޔާމީން

4 ގަޑިއިރަށް ފަހު ޔާމީން ފުލުުހުންގެ އިދާރާއިން ނިކުންނަވައިފި

Jan 6, 2019
8

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ ތަހުގީގުގައި ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރެއްވުމަށް ފަހު، ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެންފި އެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ، އެމަނިކުފާނު އޭސީސީއަށް ހަވާލުކުރި އެއް މިލިއަން ޑޮލަރު ޖަމާކުރި ގޮތާ މެދު އޭސީސީއިން ސުވާލުތަކެއް އުފެދިގެން އެވެ.

އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތީ، މިއަދު މެންދުރު 1:30 އަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެންނެވީ މިއަދު ހަވީރު 5:30 އެހާކަން ހާއިރު އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން ވިދާޅުވީ، ފުލުހުން މިއަދު ސުވާލުކުރީ އޭސީސީ ބަލަމުންދާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އެއްބަސްވެފައިވާ ގޮތަށް އެ މައްސަލަ ނިމެންދެން ބީއެމްއެލްގައި ހުޅުވި ކްރޮސްއެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ގޮތާ މެދު އޭސީސީއިން ޝައްކު އުފައްދާތީ ކަމަށެވެ. މީގެ ކުރިން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރީ އެމަނިކުފާނުގެ، ކެމްޕޭނަށް ލިބުނު ފައިސާތަކެއްގެ މައްސަލައިގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުން ވަރަށް ގިނަ ސުވާލުތައް އެމަނިކުފާނަށް އަމާޒު ކުރި ކަމަށެވެ. އަދި އެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވި ކަމަށާއި މިއަދުގެ ތަހުގީގު ނިންމާލީ މައްސަލައިގެ ސްޓޭޓްމަންޓް ތައްޔާރުކޮށް ނިމެންދެން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އޭސީސީއާ އެކު އެއްބަސްވި ގޮތަށް ކްރޮސްއެކައުންޓަށް ފައިސާ ޖަމާކުރީ އެ އިދާރާއާ އެކުވީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި ފައިސާ ޖަމާކުރުމުގައި އިޖުރާއަތުތަކާ ހިލާފުވެފައިވާ ނަމަ، އެކަން ބަލަން ޖެހޭނީ މިއަދަކު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.