ހަބަރު

ސުޕްރީމް ކޯޓުން ޖުޑީޝަލް ކައުންސިލެއް އުފައްދަވައިފި

އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ހިންގުން ހަރުދަނާކޮށް، ސިޔާސަތުތަށް ކަނޑައެޅާ، ސުޕުރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މަޝްވަރާ އެރުވުމަށް "ޖުޑީޝަލް ކައުންސިލް"ގެ ނަމުގައި ކައުންސިލެއް ސުޕުރީމްކޯޓުގެ ގަރާރަކުން އުފައްދައިފި އެވެ.

ސުޕުރީމްކޯޓުން ނެރެފައިވާ ގަރާރުގައި ބުނެފައިވަނީ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަގޮތުގައި އިންތިޒާމްކޮށް ހަރުދަނާކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ
ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ފާޅުކުރެވޭނެ ހަރުދަނާ
ފޯރަމެއް ގާއިމުވެފައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށެވެ،

އެހެން ކަމުން ގާނޫނު އަސާސީއާއި، ގާނޫނުތަކުގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ބެލުމަށްފަހު، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ އާއި 141 ވަނަ
މާއްދާގެ (ހ) އާއި 156 ވަނަ މާއްދާއަށް ރިޢާޔަތްކޮށް "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލްއެއް އުފައްދާފައިވާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

އެ ގަރާރުގައިވާގޮތުން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރާއި، ސުޕުރީމްކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ އިސްފަނޑިޔާރުގެ އިތުރުން، ކުރިިމިނަލްކޯޓާއި، ސިވިލްކޯޓާއި، ފެމިލީ ކޯޓާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓުގެ އިސް ގާޒީނާއި، އިސް މެޖިސްޓްރޭޓުންގެ ތެރެއިން އައްޔަން ކުރެވޭ 2 ބޭފުޅެކެވެ،