ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މި ސަރުކާރުން ގާއިމް ކުރާ އެސްއެމްއީ ބޭންކްގައި ފަސް ޕަސެންޓް ހިއްސާ ވުމަށް އައްޑޫ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގް ހުށަހެޅުއްވި އެމައްސަލަގައި ބުނެފައި ވަނީ މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެކި ބާވަތްތަކުގެ މާލީ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ތައާރަފްކޮށް، އެފަދަ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް ބޭނުންވާ ފަންޑާއި އެހެނިހެން ޒަމާނީ މާލީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އައްޑޫގެ ރައްޔިތުންގެ ބައިވެރި ވުން އޮންނަ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އިން އެސްއެމްއީ ބޭންކެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ.
އެކަމަށް އެހީތެރިވުމުގެ ގޮތުން ކައުންސިލުން ނިންމީ، އެސްއެމްއީ ބޭންކްގެ ގެ ފަސް ޕަސެންޓް ހިއްސާގައި ކައުންސިލުން ބައިވެރިވުމަށެވެ. އަދި އެކަމާ ގުޅޭ ފަރާރު އިއްތިފާގުން ފާސްކުރި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ގެސްޓްހައުސް މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް، އެސްއެމްއީ ބޭންކް އުފައްދާނީ ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މެދުރާސްތާއެއްގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ. އެ ކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އެސްއެމްއީ ބޭންކުގައި ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، ތިން ސިޓީ ކަމުގައިވާ މާލޭ ސިޓީ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ ހިމެނޭ ގޮތަށް އެ ބޭންކް ބޭނުންކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.