ސުޕްރީމް ކޯޓުގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޑރ. ޙުސައިން ފާއިޒެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ސެކްރެޓަރީ ޖެނެރަލް އެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ބޭފުޅެކެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމާއި ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާ ގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފޯރުކޮށް ދިނުމެވެ.
މީގެ އިތުރުން އެކުލަވައިލެވޭ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާ ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީއަށް ދުރު ރާސްތާއާމެދު އަދި ކުރު ރާސްތާގެ ތަރައްގީގެ މަޝްރޫއުތަކާއް އެކުލަވާލުން ހިމެނެ އެވެ. އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭންތަކާއި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓާކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.