ލިވަޕޫލް

އެފްއޭކަޕުން ލިވަޕޫލްގެ ކަޓައިގެން ދިޔައީ އުންޑައެއްހެން!

މުއްސަނދި ތާރީހަކާއި، ފަހުރުވެރި ކާމިޔާބުތަކެއް ހޯދާފައިވާ ލިވަޕޫލް، އިނގިރޭސި އެފްއޭ ކަޕުގެ ތިން ވަނަ ބުރުން ކަޓައިގެން ދިއުން އެއީ ގަބޫލު ކުރަން ފަސޭހަވި ކަމެއް ނޫނެވެ. އެ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ލިވަޕޫލަށް އެ ހާލަތު ކުރިމަތި ކުރީ، އިނގިރޭސި ފުޓްބޯޅައިގެ އާދައިގެ ޓީމެއްގެ ގޮތުގައި ބަލަމުން އަންނަ ވޯލްވާ ހެމަޓަން ވޮންޑާސް އެވެ.

ލިވަޕޫލްގެ މައްޗަށް 2-1 ވޯލްވްސް މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ރުބެން ނެވޭސް އެވެ. ލިވަޕޫލް ކޮޅަށް އޭނާ ވައްދާލި ގޯލަކީ އާދަޔާ ހިލާފު މޮޅު ގޯލެކެވެ. ލިވަޕޫލްގެ ހާފުގެ މެދެއްހާ ހިސާބުން އުންޑައެއްގެ ބާރުމިނުގައި އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ.

ވޯލްވްސްގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރައުލް ހިމެނޭޒް އެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ ޑިވޯކް އޮރީޖީ އެވެ. ނަތީޖާ ހަމަހަމަ ކޮށް، ހިތްހަމަ ޖެހިލައިގެން އެ ޓީމަށް އޮވެވުނީ ހަތަރު މިނެޓެއް ހާއިރު އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ރުބެން ނޭވްސް ވޯލްވްސް އަށް ލީޑް ނަގައިދިނެވެ.

ފަހުން ބަދަލު ކުޅުންތެރިންގެ ގޮތުގައި، ކުޅެން އެރި މުހައްމަދު ސަލާހް އާއި ރޮބާޓޯ ފިރުމީނޯއަށްވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ގޮތުގައި ލިވަޕޫލްގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު ޓާގެޓަކީ ޕްރިމިއާ ލީގް ކާމިޔާބު ކުރުން ކަމަށްވުމުން އެފްއޭ ކަޕާ މެދު އެ ޓީމުގެ ސަމާލުކަން ކުޑަވީ ކަމަށް ވެދާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، މެޗުގައި އޭނާގެ ޓީމަށް އެއަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ މެޗަށް ނެރުނު ބައެއް ޒުވާން ކުޅުންތެރިންނަކީ ޕްރެކްޓިހުގައި އެއަށްވުރެ ރަނގަޅަށް މަސައްކަތް ކުރި ކުޅުންތެރިން ކަމަށެވެ.