ދުނިޔެ

އެމެރިކާއަށް އިންޒާރު ދިނުމަށްފަހު އުތުރު ކޮރެއާގެ ލީޑަރު ޗައިނާއަށް

Jan 8, 2019

ބެއިޖިންގް (ޖެނުއަރީ 7) - އުތުރު ކޮރެއާ އާއި ދެކޮޅަށް އެމެރިކާ އިސްވެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާނަމަ، ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ މަސައްކަތުގެ މިސްރާބު ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، އުތުރު ކޮރެއާގެ ލީޑަރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގެ ދައުވަތަކަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ކިމް ވަޑައިގެންފައިވަނީ، އެމެރިކާ އާއެކު ދެވަނަ ސަމިޓެއް ބޭއްވުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ އަހަރު ޓްރަމްޕާއި ބައްދަލުކުރެއްވުމުގެ އިތުރުން، ދެކުނު ކޮރެއާގެ ލީޑަރާވެސް ބައްދަލުކުރެއްވި ކިމް ވަނީ ތިން ފަހަރަށް ޗައިނާއަށް ވެސް ވަޑައިގެންފަ އެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލުކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރުނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއްނުވެ އެވެ.

"ބައްދަލުވުމެއް ބާއްވާނެތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ދަނީ ކުރެވުމުން،" އެމެރިކާގެ ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވި އެވެ.

"އެހާ ދުރުނޫން މުސްތަގުބަލެއްގައި ބައްދަލުވުން ބާއްވާނެ ތާރީހެއް އިއުލާނުކުރެވިގެންދާނެ،" ދެ ގައުމުން ވެސް ދެވަނަ ސަމިޓެއް ބާއްވަން ބޭނުންވާކަމަށް ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.