ޓެކްނޯލޮޖީ

ސެމްސަންގް ޓީވީގައި އެޕަލްގެ އައިޓިއުންސް!

އަންނަ މާޗް މަހުން ފެށިގެން ސެމްސަންގުން ނެރޭ ޓީވީ ތަކުގައި އެ މީހުންގެ އެންމެ ބޮޑު ވާދަވެރިޔާ، އެޕަލްގެ "އައިޓިއުންސް" ގެ ހިދުމަތް ހިމަނައިފި އެވެ.

އެޕަލް އާއި ސެމްސަންގަކީ ޓެކްނޮލޮޖީ ދާއިރާގައި އެންމެ ވާދަވެރި ހަތުރުންނެވެ. ސެމްސަންގް އިން ނެރޭ އުފެއްދުންތަކަކީ އެޕަލްގެ ކޮޕީ އުފެއްދުންތައް ކަމަށް "އެޕަލް" އަށް ލޯބިކުރާ ފަރާތްތަކުން އަބަދުވެސް ބުނެ އެވެ. އަދި ދެ ކުންފުނީގެ މެދުގައި ހިނގާ ދައުވާތައް ވެސް އޮވެއެވެ.

މިއީ މި ދާއިރާގައި އެންމެ ކުރީގައި އުޅޭ ދެ ވާދަވެރިންނަށް ވާއިރު، ސެމްސަންގް ޓީވީއެއްގައި އެޕަލްގެ އައިޓިއުންސް ހިމެނުން ވެފައި ވަނީ އެންމެނަށް ސިހުން ގެނުވި ކަމަކަށެވެ.

ސެމްސަންގް ޓީވީގައި އެޕަލްގެ އައިޓިއުންސް ހިމަނާފައިވަނީ، ފިލްމާއި ޓީވީ ޝޯތައް ކުއްޔަށް ދޫކުރުމާއި ގަތުމުގެ ފުރުސަތު ހުޅުވައި ލަމުންނެވެ. އައިޓިއުންސް އަށް ވަދެމުވުމުގެ އިތުރުން ސްމާޓް ޓީވީ ތަކުން، އެއާޕްލޭ 2 ސަޕޯޓް މެދުވެރިކޮށް އެޕަލްގެ މިއުޒިކް ތަކާއި ފޮޓޯ އާއި ވީޑިއޯ ސްޓްރީމް ކުރެވޭނެ އެވެ.

މި ހިދުމަތް ބޭނުން ކުރެވޭނީ "ދަ އައިޓިއުންސް މޫވީސް އެންޑް ޓީވީ އެޕްލިކޭޝަން" އިންނެވެ. ސެމްސަންގް އިން 2018 އާއި 2019 ގައި އުފައްދާފައިވާ ހުރިހާ ޓީވީ ތަކަކަށް މި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ. މިއީ އެޕަލް އިން އެމީހުންގެ އުފެއްދުން އެހެން ބަޔަކު ބޭނުން ކުރަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ.