ޓެކްނޯލޮޖީ

ފުޖިފިލްމްގެ އާ މީޑިއަމް ފޯމެޓް ކެމެރާ ދައްކާލައިފި

ފުޖިފިލްމުން އެކުންފުނީގެ އެންމެ ފަހުގެ މީޑިއަމް ފޯމެޓް ކެމެރާ ދައްކާލައިފި އެވެ.

ފުޖިފިލްމުން އާންމު ކުރި "ޖީއެފްއެކްސް 50އެސް 2" ކެމެރާ އަކީ މިހާތަނަށް އެކުންފުނިން ނެރުނު އެންމް އަގުހެޔޮ މީޑިއަމް ފޯމެޓް ކެމެރާ އެވެ.

މި ކެމެރާ އާންމުކޮށްފައިވަނީ ފުޖިފިލްމްގެ ސެޕްޓެމްބަރު އެކްސް ސަމިޓްގަ އެވެ. މި އިވެނޓްގައިވަނީ މި ކެމެރާގެ އިތުރުން އެކުންފުނީގެ އިތުރު އުފެއްދުންތައްވެސް ދައްކާލާފައިވެ އެވެ.

ފުޖިފިލްމްގެ "ޖީއެފްއެކްސް 50އެސް 2" ގެ އަގަކީ 3،999 އެމެރިކާ ޑޮލަރެވެ. އަދި އެ ސީރީސްގެ އެހެން މޮޑެލްތަކަށް ބަލާއިރު "ޖީއެފްއެކްސް 100އެސް" 5،999 އެމެރިކާ ޑޮލަރަށް ވިއްކާއިރު "50އެސް" ސީރީޒް އަދިވެސް ވިއްކަނީ 5،499 ޑޮލަރަށެވެ.

މިފަހަރުގެ އާ ކެމެރާ އާއި އެކު އެކުންފުނީގެ ކެމެރާތަކުގެ އަގު މުސްތަގުބަލުގައި ހެޔޮވާނެ ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

މި އާ ކެމެރާގައި 51.4 މެގަ ޕިކްސަލްގެ ފޮޓޯ ސެންސާއެއް ހިމެނެ އެވެ. މިއީ އާންމު ގޮތެއްގައި "ފުލްފްރޭމް" ކެމެރާ ތަކުގައި ހިމެނޭ ސެންސާތަކަށް ވުރެ 1.7 ގުނަ ބޮޑު ސެންސާ އެކެވެ. މީގެ އިތުރުން މި ކެމެރާގައި '5-އެކްސިސް" އިމޭޖް ސްޓޭބިލައިޒޭޝން ހިމެނެ އެވެ.

ކެމެރާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފުޖިފިލްމުން "ޖީއެފް 35-70 މިލިމީޓާ" ލެންސް އަކާއި އެއްކޮށް 4،499 ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އަލަށް ނެރޭ ކެމެރާ އާއި މި އިވެންޓްގައި އިއުލާންކުރި އިތުރު ޑިވައިސްތަކާއި ލެންސްތައް ނޮވެމްބަރު މަހު ބާޒާރަށް ނެރެން ހަމަޖެހިފައިވެ އެވެ.