ހަބަރު

ޕީއެސްއެމާގުޅޭ 14 މައްސަލައެއް އޭސީސީއަށް

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ގުޅޭ 14 މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެ އެވެ.

ވީޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވިދާޅުވީ މިދިޔަ އަހަރުތަކު ތެރޭގައި ޕީއެސްއެމްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މައިގަނޑު ސަބަބަކީ ރާއްޖޭގެ ބައެއް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވުން ކަމަށެވެ. އަދި ކުންފުންޏަށް އެއްޗެހި ގަތުމުގައި ޕްރޮކިއުމަންޓު އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށާއި އޭގެ 14 މައްސަލައެއް މިހާރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"މީގެ މާނައަކީ ކޮރޮޕްޝަންގެ މައްސަލަ އުޅެނީއެކޭ އަޅުގަނޑަކަށް ކަނޑައެއް ނޭޅޭނެ. ނަަމަވެސް އަޅުގަނޑު ބަލާލި ބަލާލުމުގައި ޕްރޮކިއުމަންޓް ޕްރޮސީޖާ އިން ބޭރުން ކޮށްފައި ހުރީ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ޕީއެސްއެމްގެ ދަރަނި 200 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އެ ދަރަނިތައް ނަގާފައި ވަނީ ކޮން ކަމަކަށް ހަރަދު ކުރަން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. އަލީ ވިދާޅުވީ ހަރަދުކޮށްފައި ވަނީ ކޮން ކަމަކަށްތޯ ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އޭސީސީގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ޕީއެސްއެމް އިން 14 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ތަހުގީގުގެ މަރުހަލާގައި އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.