ހަބަރު

ފިލައިގެން ނޫޅެން، އެއްބާރުލުން ވެސް ދޭނަން: ޝާޔަން

ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކުރިއަށް ގެންދާ ތަހުގީގަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށާއި ހާޒިރުވާން އެންގުމުން ހާޒިރު ވެސް ވާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާޔަން މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާ ހާޒިރު ނުވެގެން ކަމަށް ބުނެ ކުރިމިނަލް ކޯޓަށް ކޯޓު އަމުރެއް ހޯދުމަށް އެދިފައިވާތީ އެވެ. ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް އޭސީސީއިން ބަލަމުންދާއިރު ޕީއެސްއެމްގެ ކުރީގެ ބޯޑު މެންބަރަކު އެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް އޭސީސީއިން މަޖިލީހުގެ ކޮމެޓީގައި ބުނެފައިވެ އެވެ.

ނަމަވެސް ޝާޔަން މިއަދު އަވަސްއަށް ވިދާޅުވީ އޭސީސީއަށް އޭނާ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ. އެ ކޮމިޝަނުން ގުޅުމުން ފޯނަށް ޖަވާބު ވެސް ދެމުން ގެންދާ ކަމަށެވެ.

"އަޅުގަނޑަށް އޭސީސީއިން އެންމެ ފަހުން ގުޅީ އޭޕްރީލް މަހުގެ ތެރޭގައި، އޭގެ ފަހުން ގުޅާފައެއް ނެތް، ހާޒިރުވާން އަންގާފައެއް ވެސް ނެތް،" ޝާޔަން ވިދާޅުވި އެވެ.

އެހެންވެ އޭނާ ހާޒިރު ނުވެގެން ކޯޓު އަމުރެއް ހޯދަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ޝާޔަން ވިދާޅުވި އެވެ. ޝާޔަން ވަނީ އެކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް މިއަދު އޭސީސީއަށް ވެސް ގުޅުއްވާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ޖަވާބެއް ނުލިބެ އެވެ.

"އަޅުގަނޑު މިއީ ފިލައިގެން އުޅޭ މީހެއް ނޫން، އަޅުގަނޑާ ކުރާ ސުވާލުތަކަށް ޖަވާބު ދޭން ތައްޔާރު، އެއީ ދައުލަތުގެ ކޮންމެ މުއައްސަސާއެއް ނަމަވެސް އަޅުގަނޑުގެ އެއްބާރުލުން އޮންނާނެ،" ޝާޔަން ވިދާޅުވި އެވެ.

ޕީއެސްއެމްގެ މިހާރުގެ މެނޭޖްމެންޓުން ހުށަހަޅައިގެން އެ ކުންފުނީގެ މައްސަލަތަކެއް އޭސީސީއިން ބަލަމުންދާއިރު އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ބޭއްވިއިރު ހިޔާނާތް ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެ ޕްރޮޖެކްޓްގެ ހެޑަކީ ޝާޔަން އެވެ.

ޝާޔަން ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ހެޑެއްގެ ގޮތުގައި އޭނާ އަދާ ކުރެއްވީ ވަޒީފާއެއް ކަމަށެވެ. އޭނާއަށް ވެސް އެންގުންތައް އަންނަނީ މަތިން ކަމަށާއި އަމިއްލަ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށް ޝާޔަން ވިދާޅުވި އެވެ. ޝާޔަން ވަނީ މީޑިއާއިން ވެސް ކަމުގެ ހަގީގަތް ނުހޯދާ އަގު ވެއްޓޭ ގޮތަށް ހަބަރުތައް ފަތުރާތީ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

ޝާޔަން ޕީއެސްއެމްއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރުގެ ސަރުކާރުންނެވެ. އެއީ އޭނާ އިސްވެ ހުންނަވާ ޕީއެސްއެމްގެ އޭރުގެ އެމްޑީ ހަލީލާއި ޑީއެމްޑީ އިކްރާމް މަގާމުން ދުރުކުރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް އޭނާ ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ. އިކްރާމާއި ހަލީލް ވަކި ކުރަން އޭރު މަސައްކަތް ކޮށްފައިވަނީ އެ ދެ ބޭފުޅުންގެ ނުފޫޒާ ހެދި ޕީއެސްއެމްގެ މިނިވަންކަން ގެއްލިފައިވާތީ އެވެ.