ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޑޮލަރު މާރުކުރުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީ އިން މިމައްސަލަ ބަލަން ފެށިކަން ހާމަކޮށްފައި މިވަނީ އެ ކުންފުނިން ހިންގާފައިވާ ޑޮލަރުގެ ގަތުމުގެ މުއާމަލާތާއި އަދި އެ ކުންފުނީގެ ތިޖޫރީން ގެއްލުނު ކަމަށް ކަމަށް ބުނާ އެތައް މިލިއަން ރުފިޔާގެ މައްސަލަ އޮޑިޓާ ޖެނަރަލް ފެންމަތިކޮށްފައި ވަނިކޮށެވެ.
ހިޔާނާތުގެ މައްސަލަ ބެލުމުގެ ގާނޫނީ ބާރާއި އިހްތިސާސް އޮންނަނީ އޭސީސީ އަށެވެ.
އޭސީސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕީއެސްއެމް އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާ ގުޅޭ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެެވެ.
"މި މައްސަލައަކީ ފަބްލިކް ސާވިސް މީޑިއާއިން މި ކޮމިޝަނަށް ހުށަހަޅައިގެން މި ކޮމިޝަނުން މި ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލަ އެކެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީ އިން ބުނީ މައްސަލައިގެ "ޕްލިމިނަރީ ތަހުގީގު" ނިންމައި، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ހުރުމާއެކު މި މައްސަލަ އިތުރަށްވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ހާއްސަ އޮޑިޓް ކުރިއަށް ދިޔައިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނާ މަޝްވަރާކޮށް، މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާއަށް އަސަރު ނުކުރާނެ ގޮތަށް ދެ މުއައްސަސާއިން އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
"މި މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ މިމައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވެ އެވެ." ބަޔާނުގައިވެ އެވެ.
އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައިވާ ބުނެފައިވާ ގޮތުން ޕީއެސްއެމުން ގެއްލިފައިވަނީ 2017 ވަނަ އަހަރުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 4.9 މިލިއަން ރުފިޔާ އާއި ތިޖޫރީގައި ހުރި 190،000 ރުފިޔާ އެވެ. މިފައިސާ ޖަމާކޮށްފައި ހުރީ ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ހަނީފާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ކަމަށް ރިޕޯޓުގައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަހްމަދު ހަނީފް ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހު ޖެހިގެން އައި މެއި މަހު ވަނީ މަގާމުން ވަކިވެސް ކޮށްފަ އެވެ.