ހަބަރު

ލިޔެކިޔުންތައް ނުފެނުނު ކަމަށް ބުނުމަކީ ދޮގެއް: ޕީއެސްއެމް

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ނެތްކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

ޕަބްލިކް ސާވިސް މީޑިއާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ މީޑިއާގެ ހިންގުންތައް އާ މެނޭޖްމަންޓާ ހަވާލުވީ އިރު، ކުރީގެ މެނޭޖުމަަންޓުން ހިންގަން ފަށާފައިވާ ބައެއް މަސައްކަތްތައް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށްހުރި ބައެއް ކަންކަން އެ ކުންފުނީގެ ބޯޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން، 20 އަށްވުރެ ގިނަ މައްސަލަ އޭސީސީއަށް ހުށަހެޅިފަހުން ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަަމަށެވެ.

އަދި ތަހުގީގު ޓީމުތަކުން އެ މައްސަލަތައް ބެލުމަށް ބޭނުންވާ ކޮންމެ ލިޔުމެއް ހޯދައިގެން ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށާއި ލިޔުން ނުލިބޭ ކަމަށް ބުނެ ޕީއެސްއެމްގެ މައްސަލަތައް ފައިލް ކުރުމުގެ ބަދަލުގައި ނުލިބޭ ލިޔުމެއް ވާނަމަ އެ ލިޔުމެއް ހޯދުމުގެ ފުރުސަތު މިހާރުވެސް އޮތް ކަމަށެވެ.

"މި ދެންނެވި ގޮތަށް ހުރި މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުގެ ތަހުގީގު ޓީމުތަކުން މި ކުންފުނީގެ އޮފީހަށް ވަޑައިގެން އެބޭފުޅުން ބޭނުންވި ކޮންމެ ލިޔުމެއް، އެ މައްސަލައަކާ ގުޅުންހުރި ޑިޕާޓްމަންޓުތަކުން ހޯދައިގެން ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައި" އެ ބާޔާނުގައި ބުންޏެވެ.

އެގޮތުން، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިނގާފައިވާކަމަށް ބެލެވޭ މަޝްރޫއުތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތަކާއި އީމެއިލް މެދުވެރިކޮށް ކޮށްފައިހުރި މުއާމަލާތައްވެސް އޭސީސީގެ ތަހުގީގު ޓީމުން ގެންގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެ އެވެ. އަދި، އޭސީސީގެ އަމުރުތަކާ އެއްގޮތަށް އިތުރު ލިޔުންތައްވެސް ފޮނުވާފައިވާ ކަމަށް ވެ އެވެ.

ޕީއެސްއެމްގެ ބައެއް ލިޔެކިޔުންތައް ފެނިފައި ނުވާ ކަމަށް އޭސީސީން ބުނެފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ)ގަ އެވެ.

މި ކޮމިޓީއަށް އޭސީސީގެ މެމްބަަރުން ހާޒިރުކޮށް ސުވާލު ކުރުމުން، އޭސީސީގެ ނައިބު ރައީސް ވަނީ ބައެއް ކުންފުނިތަކުގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަން ކޮމިޝަނަށް އެނގިފަައިވާ ކަމަށް ފާހަގަކޮށްފަ އެވެ. އެގޮތުން، ފާހަގަ ކުރެވޭ ކުންފުންޏެއްގެ ގޮތުގައި ޕީއެސްއެމްގެ ވާހަކަ ވިދާޅުވި އެވެ.