އިރު އޮއްސުނުއިރު މަސް ކަނޑައި އަވިދިވެގެން އިއްތަފޫ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފި އެވެ. ފިހުނު މަހާއި ބަނޑައިދުލާއި ގަރުދިޔަ އާއި ޒުވާރި ބަތެވެ. އެއީ ދޮންކަމާ އަށް އެންމެ މީރު ކެއުމެވެ. ފަންޏަކަށް ހުރީ އަތަ އެވެ.
އަންހެނުން ބަލިވެ އިން ދުވަހުން ފެށިގެން ކެއްކުމާއި ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރަމުން އަންނަނީ އިއްތަފޫ އެވެ.
"މިއަދުން ފެށިގެން ދޮންކަމާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ދޮންކަމާ އަށް ދެން އޮތީ އަރާމުކުރުން،" އުފާވެރި ޚަބަރު ދިން ދުވަހު އިއްތަފޫ ބުނީ މިހެންނެވެ.
ތައްޔާރުކޮށްފައި ހުރި ކެއުންތައް ފެނި ފުޅި ބައްތީގެ އަލިކަމުގައި ދޮންކަމާގެ ތުންފަތްމަތީގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. ކުޅުދިޔާވެގެން ގޮސް ބަންޑުންވި އުފާވެރިކަމުގެ ތެރެއިން މުޅި މޫނަށް ޖަމްބުކުލަ އަރައިގެން ހިނގައްޖެ އެވެ.
ދޮންކަމާ މޭޒު ކައިރީގައި އިށީނުމުން ތަށްޓަކަށް ޒުވާރި ބަތް އަޅައިގެން އެއަށް ގަރުދިޔަ އަޅައިގެން އިއްތަފޫ މޮޑެން ފެށި އެވެ. ވަޅިއެއް ނަގައިގެން ފަރިތަކަމާ އެކު ލުނބޮއެއް ދެ ފަޅިކޮށްލުމަށް ފަހު އޭގެ އެއް ފަޅި ބަތް ތަށްޓަށް ފިތާލި އެވެ. ދެން އަތުން ކާން ދޭން ފެށީ އެވެ.
"މިރޭ ހާދަ މަޑުން އިންނަ ރެއެކޭ ދޯ. އަނެއްކާ ކިހިނެތްވީ؟،" ފިހެފައި އޮތް ބަނޑައިދުލުން މަސް ފަށެއް ދަމާލައިގެން އަނގަޔަށް ލުމުގެ ކުރިން ސަމާސާ ރާގެއްގައި ދޮންކަމާ އަހާލި އެވެ.
"ބަލަ މި ހުރިހާ އެއްޗެއް ދޮންކަމާއަކަށް ހުހެއް ނުކުރެވޭނެއެއް ނުން. ތިޔަހެން ނުހުރެ އިއްތަފޫ ވެސް މިއިން ކައިބަލަ،" އަނގައިން ނުބުނެ އިނދެ ދޮންކަމާގެ އަނގައިގައި ޖެއްސި އަތަ ފަނި ތަށިން ކޯ ވަރެއް ބޯލުމަށް ފަހު ދޮންކަމާ ބުނެލި އެވެ.
"އަހަރެން ފަހުން ކާލަފާނަމޭ. މި ހުރިހާ އެއްޗެއް ދޮންކަމާ އަށޭ،" އިރުކޮޅެއް ވަންދެން ކާ އެއްޗިއްސަށް ބަލަހައްޓައިގެން ހުރެފައި އެންމެފަހުން އިއްތަފޫ އަނގައިން ބުނެލި އެވެ.
އިއްތަފޫގެ ރާގު ހުރީ ބަދަލުވެފަ އެވެ. ކިތަންމެ ދުވަހެކެވެ. އެއަށް ދޮންކަމާ އެއްޗެކޭ ނުބުނަނީ އެކަން ނޭނގޭތީއެއް ނޫނެވެ.
އެކުގައި ނިދައި، ކައި، އަނގަތަޅައި ސަމާސާކޮށް އުޅުނު ފިރިމީހާ އެހެން ވައްތަރަކަށް އުޅެން ފެށީމަ އަނބިމީހާ އަށް އެކަން ނޭނގި ހުންނާނެ ހެއްޔެވެ؟
އިއްތަފޫ ވެސް ފާޑަކަށް އުޅެން ފެށީމަ ދޮންކަމާ އަށް ވަގުތުން އެކަން އިހްސާސްވީ އެވެ. ނަމަވެސް ފިރިމީހާގެ ގާތަށް ރުޅިއަތުވެދާނެ ކަމަށް ވިސްނައި އެކަމާ ބެހޭ ގޮތުން އެކައްޗެއް ވެސް ނުބުނެ އިނީ އެވެ.
ކާލައިގެން ގޮސް ދޮންކަމާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ފަހަތުން އިއްތަފޫ އަންނާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެ އެވެ. ކުރިން އުރާލައިގެން ގެންގޮސް އެނދުގައި ބޭއްވިޔަސް މިހާރު އެ ލޯތްބެއް ނުދައްކަ އެވެ.
ފަހަރެއްގައި ބަލިވެ އިނީމަ ދޮންކަމާ މަތިން އިއްތަފޫ މިހާރު ފޫހިވަނީ އެވެ. މިހެން ހިތަށް އަރައި ވެރިވި މޮޅިވެރިކަމުގައި މޫނު އަޅައި ފޮރުވައިގެން ދޮންކަމާ ނިދަން އޮށޯތީ އެވެ.
ދޮންކަމާ ކޮޓަރިއަށް ވަން މަންޒަރު ބަލަން އިނދެފައި އިއްތަފޫ ނުކުތީ ބޭރަށެވެ. އެއީ ކޮންމެ ރެއަކު އޭނާ މިހާރު ހަދާ ގޮތެވެ. ބަލިވެ އިން އަނބިމީހާ ނިދަން އެނދަށް އެރީމަ ނުކުމެގެން ގޮސް އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލެނީ އެވެ.
އެއަށް ފަހު އެނބުރި އަންނަ އިރެއް ދޮންކަމާއަކަށް ނޭނގެ އެވެ. އަރައިގެން އަންނައިރާ އެކު ހޭލެވޭއިރު ވެސް އިއްތަފޫއެއް ފެންނާކަށް ނުހުރެ އެވެ. ފެންނާކަށް ނޯވެ އެވެ.
މިއަދު ވެސް އިރުއެރީ ހަމަ އެކަހަލަ ދުވަހަކަށެވެ. އިއްތަފޫ ދެން އެނބުރި ގެއަށް އަންނާނީ އިރުއޮއްސުނީމަ އެވެ. އަރައިގެން އަންނަ އިރު އޮއްސެންދެން އޭނާ އުޅެނީ ބުރުޒީގޭ ޝަރީފުގެ އެންދެރި ދޯނީގައި ކަނޑުމަތީގަ އެވެ.
އިއްތަފޫ އަކީ މަސްވެރިޔެކެވެ.
ނަމަވެސް އިއްތަފޫގެ މި މަސްވެރި ހަޔާތަށް ނުހަނު ބޮޑެތި ބަދަލުތަކެއް އައިސް އޭނާގެ ކިބައިން އާދަޔާހިލާފު ސިފަތަކެއް ފާޅުވާން ފެށީމަ އެކަމަށް އެއްޗެއް ނުބުނެ ނުވަތަ ދިރިއުޅުމަށް ވެރިވެގަންނަމުން ދިޔަ މި ބީރައްޓެހިކަމަކީ ކޮބައިތޯ ބެލުމަށް އެހެން މީހަކާ އަނގައިން ނުބުނެ ދޮންކަމާ އަކަށް ނުހުރެވުނެވެ.
ރަށު މީހުންނާ ވާހަކަ ދައްކައިގެން އެނގު މައުލޫމާތުތަކާ އެކު ދޮންކަމާ އަށް ލިބުނީ ދެން ވެސް ސިހުމެވެ. އެންދެރި ދޯނި ކެރިގަނޑެއްގައި ޖެހި ފަރަކަށް އަރައި ހަލާކުވި ފަހުން އެ ދޯނި މަހަށް ނުނިކުންނަތާ ހަ މަސް ވަނީއޭ މީހަކު ބުނީމަ ދެން ބުނާނެ އެއްޗެއް ނުވަތަ ކުރާނެ ސުވާލެއް ވެސް ދޮންކަމާގެ ބޮލަކަށް ނައެވެ.
އަނެއްކޮޅުން އޭރު ރަށު ތެރޭގައި ބޮޑު ރޯގާއެއް ފެތުރި ކުޑަކުދިންތަކެއް މަރުވެ އިތުރު އެތައް ކުދިންނެއް ތިބީ ބަލިއެނދުގަ އެވެ. ރަށު މީހުން މި ރޯގާއަކަށް ކިޔަނީ ކަޅުރޯގާ އެވެ. އެއީ ރޯގާޖެހޭ ކުދިންގެ ހަންގަނޑުގެ ކުލަ އޮއްސޭއިރާއެކު ކަޅުކުލައަކަށް ބަދަލުވެ އަނގައިން ކަޅުފޮނުތަކެއް އަރާތީ އެވެ.
ބައެއް މީހުން ބުނާ ގޮތުން އެންދެރި ދޯންޏަށް ޖެހުނު ހާލާއި ރަށަށް ދިމާވެފައިވާ މުސީބާތާ ވެސް ކޮންމެވެސް ކަހަލަ ގުޅުމެއްވެ އެވެ.
އެކަމަކު ރަށަށް މިވަރުގެ ބޮޑު މުސީބާތެއް ކުރިމަތިވިއިރު ވެސް އިއްތަފޫ އޮތީ ދޮންކަމާ އަށް މިކަން ސިއްރުކޮށްފަ އެވެ.
ފިރިމީހާ އަކީ ހާދަހާވާ ބޮޑު ދޮގުވެރިއެކޭ ހިތަށް އަރައި އެނބުރި ގެއަށް ގޮސް އަށް މަހުގެ ބަނޑާ އެކު އެނދުގައި އޮށޯވެ ކަރުނަ އަޅައި ރޮއިގަނެވުނީ އެވެ. އޭރު ދީފައި އޮތް ރަތްދަގަ އަތްވާއެކު އެ ކުޑަކޮޓަރިގަނޑު ހީވަނީ އަދައިހުލިވާން އުޅޭހެންނެވެ. ނަމަވެސް އެއަށް ވުރެ ގަދަ ހޫނަކުން ހަޔާތް ފިހިގެން ދާ ކަމުގެ އިހްސާސްކުރެވި ދޮންކަމާ އޮތީ އެހެން ދުނިޔެއަކަށް ގެއްލިފަ އެވެ.
"އެންދެރި ދޯނި ހަލާކުވިތާ ހަ މަސްވީ އެވެ. އިއްތަފޫ އެހެން މީހަކަށް ބަދަލުވިތާ ވެސް ހަ މަސްވީ އެވެ."
މިހެން ހިތަށް އަރައި ފައިބަމުން ދިޔަ ހިޔާލުތަކާ އެކު ދޮންކަމާގެ ހަޔާތަށް ދެން ވެރިވީ ބިރުވެރިކަމެކެވެ.
"އަހަރެންގެ އިއްތަފޫ ކޮބައި ހެއްޔެވެ؟"
ރަށު ތެރެއިން ވާހަކަ ދެއްކި މީހުން ކިޔައި ދިން ގޮތުން ވިލާގަނޑެއްގައި ޖެހުނު އެންދެރި ދޯންޏާއި އޭގެ ކެޔޮޅާއި އޭނާގެ ފަޅުވެރިން އެ ދުވަހު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އަދި އިއްތަފޫ ސަލާމަތްވުން އެއީ ލައްލާވި ނަސީބެކެވެ.
އޭނާ ފެނުނީ ކަނޑަށް ވެއްޓުނުތާ އެތައް އިރެއްވީ ފަހުން ކަމަށް ބުނެވެ އެވެ.
މިއީ އެ ދުވަހު އެނބުރި އައިސް އިއްތަފޫ އޭނާގެ އަންހެނުންނަށް ކިޔައި ނުދީ އޮތް ވާހަކަ އެކެވެ. މި ވާހަކައެއް ދޮންކަމާ އަށް ނޭނގި އަދި ރަށު ތެރޭގެ ޚަބަރުތަކަށް ކަންފަތް އެހާ ބޮޑަށް ހުޅުވިފައި ނެތީ ބަލިވެ އިން ހިސާބުން ފެށިގެން އޭނާ އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުނިކުންނާތީ އެވެ.
އަނެއްކޮޅުން އެ ބުނާ ކެރިގަނޑެއްގައި ޖެހި ސަލާމަތްވި ދުވަހު އެނބުރި އައި ފަހަކުން ދޮންކަމާ ގެއިން ބޭރަށް ނުކުތުމަކީ ވެސް އިއްތަފޫ އެހާ ރުހޭ ކަމަކަށް ނުވެ އެވެ. އަދި ހިސާބުގަނޑުގެ މީހުންނާ ކުރިން އަނގައިން ބުނެ އުޅުނު ގޮތަކަށް އިއްތަފޫ ވެސް އެމީހުންނަކާ އަނގައިން ބުނެއެއް ނޫޅެ އެވެ. މިހުރިހައި ސަބަބުތަކަކާ ހެދި ރަށާއި ދޮންކަމާގެ ޖިފުޓިއާ ދެމެދު ބީރައްޓެހިކަމުގެ ގުޅުމެއް ފާވީ އެވެ.
ދެން އައީ މިހާރު މި ފެންނަ، ކޮންމެ ދުވަހަކަށް އިރު އޮއްސުމުން ގޭ ތެރެއިން ފެންނަ އިއްތަފޫ ފާޅުވާން ފެށި ދުވަސްތަކެވެ. ދަންވަރަށް އޭނާ ގެއްލެނީ އެވެ. އެއަށް ފަހު ދެން އަނެއްކާވެސް އެނބުރި އަންނަނީ އޮއްސޭ އިރާއެކުގަ އެވެ.
އިރު އަރާއިރު ރަށުގެ ކޮންމެ ވެސް ކުއްޖަކަށް ކަޅުރޯގާ ޖެހި އޮއްސޭއިރާ އެކު އެ ކުއްޖާގެ ހާލު އޮންނަނީ ސަލާމަތްނުވާ އަތަށް އަޅާލައިފަ އެވެ.
އެހެންވީމަ އަރައިގެން އަންނަ އިރާއި އޮއްސިގެންދާ އިރާ އެކު ލޯ މަތިން ފެންނަ މަންޒަރުތަކުން ދޮންކަމާއަށް ދޭހަވި އެއްޗަކީ ރަށު ތެރެ ހަލަބޮލިކޮށްލައިގެން އުޅޭ ކަޅުރޯގާ އާއި އިއްތަފޫއާ ކޮންމެވެސް ގުޅުމެއް އޮތް ކަމެވެ. އަދި އިއްތަފޫއަކީ އިއްތަފޫއެއް ނޫން ކަމެވެ.
މި ތުހުމަތެއް ކަށަވަރުކުރެވި ރަށުގެ ބޮޑުންނާ ކުރެވުނު ސައްލާތަކަށް ފަހު އެންމެފަހުން އެމީހުންނާ މި އިއްތަފޫއެއް ހަވާލުކުރަން ދޮންކަމާ އެއްބަސްވެ ރަށުގެ އެންމެ އިސް ފޫޅުމާމަގެ ހިމާޔަތް ހޯދައިފި އެވެ. އެއަށް ފަހު އޮއްސުނުއިރާ އެކު ރަށުގެ އެންމެގަދަފަދަ މީހުންތައް އެއްތަންކޮށް، ކަޅުރޯގާގެ ޝިކާރައަކަށް ނުވެ ސަލާމަތުން ތިބި ކުދިންގެ ގެތަކަށް މި މީހުންތައް ފޮނުވައި ފާރައަށް ބައިތިއްބައިފި އެވެ.
އާދައިގެ މަތިން ފިހުނު މަހާއި ބަނޑައިދުލާއި ގަރުދިޔަ އާއި ޒުވާރި ބަތް ތައްޔާރުކޮށް ކާން ހަދައިދީފައި އިއްތަފޫ ގެއިން ނުކުމެއްޖެ އެވެ. ގޭގައި ދޮންކަމާ އޮތްތޯ ނުވަތަ ނެތްތޯ ވެސް އޭނާއެއް ނުބަލަ އެވެ. އޭރު އިސް ފޫޅުމާމަ ގޭގައި އޮތް ދޮންކަމާގެ ބަނޑުގައި ރިއްސަން ފެށުމާ އެކު އޭނާ އޮތީ ވިއްސަން ތައްޔާރުކޮށްފަ އެވެ.
ގެއިން ނުކުމެގެން ދިޔަ ގޮތަށް އަނދިރިގަނޑެއްގެ ތެރެއަށް ވަދެ އިއްތަފޫ ގެއްލިއްޖެ އެވެ. އޭނާ އަށް ފާރަލައިގެން ގޭގޭގައި ތިބި މީހުންތައް އެމީހުންގެ ފުޅި ބައްތިތަކާއި ބިގަރުތައް ވެސް ނިންވާލައިގެން ތައްޔާރީ ހާލަތަށް އަތުވެއްޖެ އެވެ.
މި އަނދިރިގަނޑެއްގައި ފިލާ ތިބޭތާ އެތައް އިރެއްވީފަހުން ރަށުގެ ގަދަފަދަ މީހުންތަކަށް ވާނުވާރޭކާލީ ފަޖުރުގެ އަލިކަން ފައުޅުވާން ގާތްވެފައި ހުއްޓަ އެވެ. އެމީހުން ފިލައި ތިބި އެއްވެސް ގެއަކަށް އިއްތަފޫއެއް ނުވަނެވެ. އޭނާ ގޮސް ވަނީ ބަލިވެ އިން ދޮންކަމާ ވިއްސަން ތިބި އިސް ފޫޅުމާމަގެ ޖިފުޓިގަނޑަށެވެ.
ރީނދޫކުލައިގެ އަލި ވިދުވަރެއްގެ ސިފައިގައި ޖިފުޓި ދިއްލާލައިގެން އޮވެ، ދޮންކަމާ ވިހޭ ފިރިހެން ކުއްޖާގެ މޭގައި ޝަހާދަށް އިނގިލި ޖައްސައި ވަޅިއެއްގެ މިއަހާ ތޫނު ނިޔަފައްޗަކުން އެ ކުއްޖާގެ މޭ ކަފާލާފައި ހިތް ނަގައިގެން ބޯލީ އެވެ. އެއަށް ފަހު ކަޅު ކުލައިގެ އޮލަ ދުންގަނޑަކަށް ބަދަލުވެ ޖިފުޓި ތެރެއިން ދެމިގެން ގޮސް މި ދެޔޯއެއް އެތަނުގައި ތިބި މީހުންގެ ލޮލަށް ގެއްލިއްޖެ އެވެ.
އޭރު ދޮންކަމާ ވިހޭ ކުއްޖާގެ ހުދުކަޅި އެއްކޮށް ކަޅުކުލަ އަށް ބަދަލުވެ އެ ސޮރު ހަރަކާތްކުރަމުންދާ މަންޒަރު ފެނިފައި އެތަނުގައި ތިބި ހުރިހައި އަންހެންވެރިން ޚަބަރުހުސްވެގެން ދެމިއްޖެ އެވެ.
ރަށުގެ ފިރިހެނުންތައް ދުވެފައި އައިއިރު ޖިފުޓި ތެރޭގައި ކުއްޖާއެއް ނެތެވެ. އަދި އެނބުރި އެހެން ގެތަކަށް ދިޔައިރު އެގެތަކުގައި ވެސް ކުދިންނެއް ނެތެވެ. ނުހިނގި ބަލިއެނދުގައި ތިބި ކުދިން ވެސް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
އިރުއެރިއިރު ރަށުގައި އެންމެ ކުޑަކުއްޖެއް ވެސް ނެތެވެ.
އިއްތަފޫ އަށް ވީގޮތާއި ރަށަށް ރޯގާއެއް ފެތުރި ރަށުގައި ތިބި ކުދިންތައް ކުއްލިއަކަށް ގެއްލުމާ ގުޅިގެން އެކި މީހުން އެކި ގޮތްގޮތަކަށް ވާހަކަ ދެއްކިޔަސް މި ހާދިސާގެ ހަގީގަތެއް ރަށު މީހުންނަކަށް ނޭނގެ އެވެ. އެއް ބަޔަކު ބުނާ ގޮތުން ރަށަށް އެރީ ކަނޑު ފުރޭތައެކެވެ.
އަދި މި ދިޔޯއެއް ރަށަށް އެރީ ކެރިގަނޑުގައި ޖެހި ހަލާކުވި އެންދެރި ދޯނިން ކަނޑަށް ގެއްލުނު އިއްތަފޫ ކާލައިގެން އޭނާގެ ސިފައިގަ އެވެ.