ހަބަރު

ދައުލަތުގެ ކޮރަޕްޝަނާގުޅޭ މައްސަލަތައް ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ މަގާމާއި ނުފޫޒު ބޭނުން ކޮށްގެން ވެފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ތަހުގީގު ކުރެވިފައި ނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަހުގީގު ކޮށްފައި ނުވާ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ހުޅުވާލާފައިވަނީ އެ މައްސަލަތަކުގެ ތެރެއިން ޖަނަވަރީ 1، 2012 އިން ފެށިގެން 17 ނޮވެންބަރު 2018 އިގެ ނިޔަލަށް ހިންގާފައިވާ އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ހުށައެޅުމަށެވެ.

އެ އޮފީހުން ބުނީ އެފަދަ މައްސަލަތައް ހުށައަޅަން ބޭނުންވާ ފަރާތްތަކުން، އަންނަ ފެބުރުއަރީ 24 ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ލިޔުމުން މައުލޫމާތު ހުށައެޅުމަށް އެދޭ ކަމަށެވެ.

އެ ކޮމިޝަނަށް ހުށަހަޅަޅަން ބޭނުންވާ މައްސަލަތައް ފޮނުވަނީ ޣާޒީ ބިލްޑިންގުގައި ހުންނަ އެ ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީއާއިން ވެސް ހުށަހެޅޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، އެ މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.