ތައިލެންޑުގެ ދެވަނައަށް އެންމެ ބޮޑު ކުންފުނިން ރާއްޖޭގެ އެނބޫދޫ ފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ ބިޔަ ރިސޯޓު މަޝްރޫއަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުން މުނިފޫހި ފިލުވުމާއި ކުޅިވަރުތައް ހިމެނޭ ގޮތަށް "ކްރޮސް ރޯޑް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ލިބިފައިވަނީ ޖަޕާން އިންޓަނޭޝަނަލް ޕްރޮޕަޓީ އެވޯޑް، ޖޭއައިޕީއޭ 2018 އެވެ. މި އެވޯޑު އެނބޫދޫ ފަޅުގެ މަޝްރޫއުން ކާމިޔާބު ކުރި ބެސްޓް ލެޒާ އެވޯޑުގެ ބައިން އެވެ. މިއީ ސިންހާ އެސްޓޭޓް ކުންފުނީގެ މި މަޝްރޫއަށް ލިބުނު ފުރަތަމަ އެވޯޑެވެ.
ރާއްޖޭގެ ޓޫރިޒަމް 45 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީ ކުރާނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަން މި އަހަރު ހުޅުވާނެ އެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީ ކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާއެއްގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.