ކްރޮސް ރޯޑް މޯލްޑިވްސް

ކްރޮސްރޯޑުން ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަނީ

Apr 29, 2021

އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ އިންޓަގްރޭޓެޑް ލަގްޒަރީ ޓޫރިޒަމް އައިލެންޑް، ކްރޮސްރޯޑް މޯލްޑިވްސް އިން ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަން ފަށައިފި އެވެ.

ކްރޮސްރޯޑް މޯލްޑިވްސް އިން ބުނީ ރަޝިއާ ހިމެނޭ ސީއެސްއައި ރީޖަންގެ ގައުމުތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ކެމްޕޭންގައި ރާއްޖެ އިސްތިހާރު ކުރުމުގެ އިތުރުން ކްރޮސްރޯޑްގައި ހުރި ފެސިލިޓީތަކުގެ މައުލޫމާތު ވެސް ދޭނެ ކަމަށެވެ.

ރަޝިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ އިލަފެންޓްޕީއާރު އެޖެންސީއާ ގުޅިގެން ފެށި މި ކެމްޕޭންގައި ކްރޮސްރޯޑުގައި ހިންގަމުން ގެންދާ ރިސޯޓުތައް ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސައިލެގޫން މޯލްޑިވްސްގެ އިތުރުން މި ރިސޯޓުގެ މުހިންމު ތަންތަން އިސްތިހާރު ކުރާނެ އެވެ.

އެނބޫދޫ ފަޅަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ވިޔަފާރި ކުރުމުގެ ވަސީލަތްތައް ހުޅުވާފައިވާ ތަނެކެވެ. މިހާރު އެތަނުގައި ހުޅުވާފައިވާ މަޝްރޫއު ބްރޭންޑްތަކުގެ ތެރޭގައި "ހާޑްރޮކް ކެފޭ" އާއި "ކެފޭޑެލްމާ" އަދި "މިނިސްޓްރީ އޮފް ކްރެބް" އަދި "ކަބާކް ކަރީ" އަދި "ޗާޓައިމް" ހިމެނެ އެވެ. މީގެ އިތުރުން މި ރަށުގައި ރާއްޖޭގެ މައުލޫމާތު ދޭން މިއުޒިމް ވެސް ހަދާފައިވެ އެވެ.

ފަޅު ހިއްކައިގެން ހިންގާ މި މަޝްރޫއުގެ ދަށުން، ޖުމްލަ ނުވަ ރަށެއް ހަދާފައިވެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އަދި މުޅި މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތީ މި އަހަރު އެވެ. މި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.