ވިޔަފާރި

ޖަލްބޫޓުން އެނބޫދޫ ފަޅަށް މީހުން އުފުލާނީ އާޖީލުގެ ފެރީ ތަކެއް!

އެނބޫދޫ ފަޅަށް ވެރިރަށް މާލެ އާއި އެއާޕޯޓުން މީހުން އުފުލަން ބޭނުންކުރާނީ އާ ޖީލުގެ ފެރީތަކެއް ކަމަށް އެ ހިދުމަތް ދޭ އަބޫދާބީގެ ޖަލްބޫޓް ހޯލްޑިންގްސް އިން ބުނެފި އެވެ.

ތައިލެންޑުގެ ދެވަނަ އަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓް އެނބޫދޫ ފަޅުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހަދާ ޔޮޓް މެރީނާގެ ހިންގާ ޔޫއޭއީގެ ޖަލްބޫޓް ކުންފުނިން ބުނެފައިވާ ގޮތުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތަކާއެކު ރާއްޖޭގައި ފަށާ ފެރީގެ ހިދުމަތް ދޭން ބޭނުންކުރާ އުޅަނދު ފަހަރުގައި ބޭނުން ކުރާނީ ކަނޑުގެ ތިމާވެއްޓަށް ގެއްލުންނުވާ ޒާތުގެ އިންޖީނެވެ. އަދި ކަޓަމަރާން ގޮތަށް ދެ ކަނޑު މައްޗަށް ހަދާފައި ހުންނަ މީގެ ކޮންމެ އުޅަނދެއްގައި 17 މީޓަރު ހުންނާނެ އެވެ.


ޖަލްބޫޓު ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ބޭނުންކުރަން ރާވާފައިވަނީ އެއާކޮންޑިޝަނިން ކޮށްފައި ހުންނަ، ދުވާލަކު 4000 ފަސެންޖަރުން އުފުލޭގޮތަށް ރާއްޖެ އަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދު ފަހަރެވެ. އެގޮތުން ދެމެހެއްޓެނިވިގޮތެއްގައި މި ހިދުމަތް ދިނުމުގެ ވިސްނުން އިސްކޮށް، އާއްމުކޮށް ކަނޑު ބޯޓުފަހަރުގައި ބޭނުންކުރާ ބުރަފަތީގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ވުމުގެ ފުރުސަތު އޮތުމާއެކު ޖަލްބޫޓްގެ ބޯޓުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ވޯޓާ ޖެޓް ޕްރޮޕަލްޝަން ޓެކްނޮލޮޖީ އެވެ. އަދި ފުލް ސްކޭލް ސޯލާސް (އެސްއޯއެލްއޭއެސް) މިންގަނޑުގެ ފެސިލިޓީތައް އުޅަނދުގެ ލޮޅުން ކުޑަކޮށް ހަމަޖެހުން އިތުރުކުރުމަށް ހާއްސަ ކަޓަމަރާންގެ ފަރުމާ އުޅަނދުތަކުގައި ބޭނުންކޮށްފަ ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޑީސަލް އަޅައިގެން ދުއްވާ ހައި ސްޕީޑް މި ފެރީތައް އެއް ފަހަރާ 60 ފަސިންޖަރުން އުފުލޭނެ އެވެ.

"ކްރޮސްރޯޑް މޯލްޑިވްސް" ގެ ނަމުގައި ކުރި އަށް ގެންދާ އިންޓަގްރޭޓަޑް ރިސޯޓު މި މަޝްރޫއުގެ ދަށުން ޖަލްބޫޓް ކުންފުނިން ހިންގާ ޔޮޓްމެރީނާގެ ބައި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވާނެ އެވެ.

ކްރޮސްރޯޑްސްގައި ގާއިމުކުރާ ލަގްޝަރީ ޔޮޓް މެރީނާ ހިންގުމުގެ އިތުރުން ލަގްޝަރީ ކްރޫޒް ގެ ހިދުމަތްވެސް ޖަލްބޫޓް ގެ ފަރާތުން އިންޓަގްރޭޓަޑް ރިސޯޓުގައި ދޭން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖަލްބޫޓް އިން ދިނުމަށް ހަމަޖެހިފައި ހިދުމަތްތަކުގެ ތެރޭގައި މުޅިއެކު ހަ އުޅަނދު ބޭނުން ކުރާނެ އެވެ.

ޖަލްބޫޓް ހޯލްޑިންގްސް އެލްއެލްސީ އަކީ ބޯޓު ފަހަރު ފަރުމާކުރުމާއި ބިނާކުރުމުގެ އިތުރުން ޔޫއޭއީގެ އަބޫދާބީގައި ސައިޓްސި އިން އަދި ފެރީގެ ހިދުމަތް ފުޅާކޮށް ދެމުން އަންނަ ކުންފުންޏެކެވެ.

ޖަލްބޫޓް 2013 ވަނަ އަހަރު ވުޖޫދަށް އައުމަށް ފަހު މެރައިން ޓްރާންސްޕޯޓް އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހިދުމަތް ދޭ އެއް ކުންފުނީގެ ގޮތުގައި ގާއިމުވެފައިވާއިރު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ބޯޓު ކުއްޔަށްދިނުމުގެ ހިދުމަތް ވެސް ޖަލްބޫޓް އިން އަންނަނީ ދެމުންނެވެ. އެންމެ ފެންވަރު ރަނގަޅު ހިދުމަތްދޭ އެއް ކުންފުނީގެ ގޮތުގައި ހިމެނޭ ޖަލްބޫޓްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ރަނގަޅަށް ތަމްރީނުވެފައިވާ މީހުންކަން އަބަދު ވެސް އެ ކުންފުނިން ޔަގީންކުރާއިރު، ޖަލްބޫޓްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގައި އެކްރެޑިޓްކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އެވެ. ދުނިޔޭގެ ބާޒާރުގެ ވާދަވެރި މާހައުލުގައި ޔޫއޭއީގެ މެރައިން އިންޑަސްޓްރީ ކުރިއަރަމުން އައުމާއެކު، ޔޫއޭއީ ގެ ކަސްޓަމަރުންނާއި ބައިނަލްއަގުވާމީ ކަސްޓަމަރުންގެ މެދުގައި ޖަލްބޫޓްގެ މަގުބޫލުކަން ބޮޑުވެ، އެ ކުންފުނީގެ ހިދުމަތްތަކަށް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އަދި ޖަލްބޫޓްގެ ސަބްސިޑިއަރީ ކުންފުނިތައް ކަމަށްވާ ޖަލްބޫޓް މޯލްޑިވްސް އާއި ޖަލްބޫޓް މެރީނާސް އާއި ޖަލްބޫޓް މެރިން ސާވިސަސް އަދި އައި-ޔޮޓް މިޑަލް އީސްޓް ގެ އޮޕަރޭޝަންތައް ދުވަހުން
ދުވަހަކަށް ދަނީ ފުޅާވަމުންނެވެ.