ދުނިޔެ

އޮސްޓްރޭލިއާގައި ހުންނަ އެމްބަސީތަކަށް ގޮތްނޭނގޭ ޕާރުސަލް ފޮނުވި މީހާއަށް ދައުވާކޮށްފި

Jan 10, 2019

މެލްބަން (ޖެނުއަރީ 9) - އޮސްޓްރޭލިއާގައި ހުންނަ ބޭރުގެ ގިނަ އެމްބަސީތަކަށް ޕާރުސަލްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ބަންދުކޮށްގެން ފޮނުވި މައްސަލާގައި 49 އަހަރުގެ މީހަކަށް ދައުވާކޮށްފި އެވެ.

މެލްބަންގައި ހުންނަ އެމެރިކާ އަދި އިނގިރޭސި އެމްބަސީގެ އިތުރުން 12 އަށް ވުރެ ގިނަ އެމްބަސީތަކަށް ޖުމްލަ 38 ޕާރުސަލް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމުގައި ތުހުމަތުކުރެވޭ ސަވަސް އަވަން ނަމަކަށް މިހާއަށް ދައުވާކޮށްފައިވަނީ، ޕޯސްޓަލް ސާވިސް މެދުވެރިކޮށް ނުރައްކާތެރި އެއްޗެއް ފޮނުވިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ، އަވަން އަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ޕާރުސަލުތަކުގައި ބަންދުކޮށްފައިވާ އިމާރާތް ކުރުމުގައި ކުރިން ބޭނުންކުރި އެސްބެސްޓޮސް އެވެ. އެސްބެސްޓޮސް އަކީ ކެންސަރާއި ފުއްޕާމެއަށް ގެއްލުންލިބޭ ކެމިކަލެކެވެ.

އެމިހާ ހައްޔަރުކުރުމުން، މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.