ރާއްޖެ ކުޅިވަރު

އީގަލްސް އަށް ސްޕެއިންގެ ދެ ކުޅުންތެރިން

ކްލަބް އީގަލްސް އަށް ސްޕެއިންގެ ފޯވަޑަކާއި ޑިފެންޑަރެއް ގެނެސްފި އެވެ.

އީގަލްސްއާ ގުޅުނީ ސްޕެއިންގެ ފޯވަޑެއް ކަަމަށްވާ ޖިމެނެޒް ރެޔެސް ޖެރާޑޯ އާއި ޑިފެންޑަރު ޓަރަންކަން އެންޓަން ޕެޑްރޯ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މިހާރު މާލެ އައިސްފަ އެވެ.

ސްޕެއިންގެ ދެ ކުޅުންތެރިންނާއެކު، އީގަލްސްގައި މިހާރު ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އީގަލްސްގައި ދެން ތިބި ބިދޭސީ ކުޅުންތެރިންނަކީ ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ އާއި ސްރީލަންކާގެ ގޯލްކީޕަރު ސުޖާން ޕެރޭރާ އެވެ.

އީގަލްސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ. އީގަލްސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗުގައި އީގަލްސްގެ ޓީމުން ސްޕެއިން ދެ ކުޅުންތެރިން ފެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.