ހަބަރު

ގައުމީ އިނާމާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ބޭފުޅުން އައްޔަނުކޮށްފި

Jan 10, 2019

ގައުމީ އިނާމާބެހޭ ކޮމިޓީއަށާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައެއް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ރައީސް ހަމަޖެއްސެވީ މ. ލޮނުވެލި އަނީސާ އަހުމަދެވެ. އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މ. މަހްމާވިލާ އިބްރާހީމް އިސްމާއީލް އަލީ އާއި، ޅ.ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، ހ. އިރުވައި އާއިޝަތު ނާޒެވެ.

އެ ބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، މއ. ފިޔަވަނި އަހުމަދު އަލިމަނިކާއި، މ. ކާނިމާގޭ މުހައްމަދު އިކްރާމާއި، މ. މާހިޔާ ރަހީމާ އާދަމާއި، މާލޭ ވިލިނގިލީ ކަންދު ހަސަން މަނިކެވެ.

ސަރުކާރުން ދެމުންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްއިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދެމުން ގެންދަވާ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއާމަނަކަށް ރައީސް ހަމަޖެއްސެވީ، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑޮކްޓަރު އިބްރާހީމް ހަސަނެވެ. އެ ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ، މއ. މާނިކަ ޑޮކްޓަރު އަހުމަދު އަލިމަނިކާއި، މ. ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނާއި، މ. ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ.

ހާއްސަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މ. ދާޝިން ޑޮކްޓަރު އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރު އަބްދުލްޢަޒީޒް ޔޫސުފާއި، މއ. ވިލާރޮދި އާއިޝަތު ޝާހީނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، އިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.