އެމްއެންޑީއެފް

ރީތި ބީޗް ރިސޯޓްގައި ރޯވެ ފެން ޕްލާންޓާއި އިންޖީނުގެ އަނދައިފި

ބ. އަތޮޅުގައި ހިންގާ ރީތި ބީޗު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރިސޯޓްގެ ފެން ޕްލާންޓާއި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް މި އަލިފާނުގެ ސަބަބުން ގެއްލުންވެފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އެ ރިސޯޓްގެ ވަޑާންގޭގެ ގުދަނުގަ އެވެ. އަދި އެ އަލިފާންގަނޑު ފެތުރިގެން ގޮސް، އެ އިމާރާތުގައި ހުރި، ފެން ޕްލާންޓެއް އަނދައިގެން ދިޔަ އެވެ. އަދި ހަމަ އެ އިމާރާތުގައި ހަދާފައިވާ އެ ރިސޯޓްގެ އިންޖީނު ގޭގެ ސީލިންގަށް އަލިފާނުގެ ހޫނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ސީލިންގް ހަލާކުވެ، ކަރަންޓް ވަޔަރުތަކުގެ ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޅ. ނައިފަރުގައި ތިބި ފަޔާ އެންޑް ރެސްކިއުގެ ސިފައިންނާއި ރިސޯޓް މުވައްޒަފުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްވީ މިއަދު މެންދުރު 12:19 އެހާއިރު ކަމަށް ވެސް ސިފައިން ބުންޏެވެ.

މިހާދިސާއާ ގުޅިގެން ރިސޯޓުން ނެރުނު ބަޔާނުގައި ބުނީ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނާ ފަތުރުވެރިންނަށް މިހާދިސާގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ރީތި ބީޗް ރިސޯޓުގައި ތިބި ފަތުރުވެރިން މިހާރު ރީތި ފަރު ރިސޯޓަށް ބަދަލު ކުރަމުންދާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ރިސޯޓުން އަލުން ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރީތި ބީޗް ރިސޯޓުގައިި މިއަދު އަލިފާނުގެ ހާދިސާއެއް ހިގާފައިވާއިރު މިދިޔަ ހަފްތާގައި ވަނީ ގިލިލަންކާ ފުށި ރިސޯޓްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިގައި އެ ރިސޯޓް ބޭނުން ނުކުރެވޭ ވަރަށް އަދައިފަ އެވެ.