ލައިފްސްޓައިލް

އައިފޯނުގެ ތިން މޮޑެލްއެއް މި އަހަރު ނެރެނީ

އެޕަލްގެ އައިފޯންގެ މުޅިން އާ ތިން މޮޑެލް މި އަހަރުތެރޭ ނެރެން ތައްޔާރީތައް ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ދަ ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި، އެޕަލް އިން އަލަށް ނެރޭ ފޯނު މޮޑެލް ތަކުގައި އެލްސީޑީ ސްކްރީން ހިމެނޭ އައިފޯނާއި ކެމެރާގެ މުޅިން އާ ފީޗާތަކެއް އެކުލެވޭ މޮޑެލްއެއް ހިމެނޭނެ އެވެ. އެގޮތުން، މި ތިން ފޯނުގެ ތެރެއިން އެންމެ އަގުބޮޑު ފޯނުގައި ތިން ކެމެރާ އާއި އަގުހެޔޮ ފޯނުގައި ދެ ކެމެރާ ހިމެނޭނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މި އަހަރު ނެރޭ ތިން ފޯނުގެ ތެރެއިން ތިން ވަނަ މޮޑެލްގައި ހުންނާނީ ލިކުއިޑް ކްރިސްޓަލް ޑިސްޕްލޭ "އެލްސީޑީ" އެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެލްސީޑީ ޑިސްޕްލޭ ހިމެނޭ މޮޑެލް އެހެން ފޯނުތަކަށް ވުރެ އަގުހެޔޮވާނެ ކަމަށާއި، އެހެންނަމަވެސް 2020 އަށް ފަހު އެޕަލް އިން ބޭނުން ކުރާޏީ "އޯލެޑް" ޑިސްޕްލޭގެ ފޯނު ތައް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އެޕަލް ކުންފުނިން މި ހަބަރުގެ އެއްވެސް ކަމެއް ޔަގީންކޮށްދީފައެއް ނުވެ އެވެ. އެ ކުންފުންޏަކީ އެމީހުން އުފައްދާ އުފެއްދުންތަކުގެ ހަބަރު ކުރިން ރިޕޯޓުކޮށް އިސްތިހާރު ކުރާ ބައެއް ނޫނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯންގެ ވިޔަފާރި ދަށްވެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އުފައްދާ ފޯނުތަކުން 10 ޕަސެންޓަށް ދަށްކުރަންވެސް އެޕަލް އިން ވަނީ އަންގާފަ އެވެ. އަދި މި ކުންފުންޏަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ އެއްމެ ބޮޑު ސަބަބަކީ އެމެރިކާ އާއި ޗައިނާ އާ ދެމެދު ޖެހިފައިވާ މައްސަލަތައް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޕަލް އަށް އެންމެ ފައިދާ ލިބެނީ ޗައިނާ ބާޒާރުގައި ވިއްލާ އެޕަލް އުފެއްދުންތަކުންނެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ފަހުކޮޅުން ފަށައިގެން ޗައިނާގައިވެސް އެޕަލްގެ ވިޔަފާރި ދަނީ ދަށަށެވެ.