ލައިފްސްޓައިލް

އެޕަލްގެ ވަޔަލެސް ބެޓެރިކޭސް ރިލީޒް ކޮށްފި

އެޕަލް ކުންފުނިން އައިފޯން އެކްސް އެސް އާއި އެކްސްއެސް މެކްސް އަދި އެކްސް އާރް އަށް ހާއްސަ ކޮށް އާ ބެޓެރި ކޭސް އެއް އުފައްދައިފި އެވެ.

އެޕަލްގެ އައިފޯން އެކްސް އެސް އަށް ހާއްސަކޮށް ބެޓެރި ކޭސް އެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް މީގެ ކުރިން އަޑު އިިވިފައި ވަނިކޮށް، ވަޔަލެސް ޗާޖިން އާއެކު އާ ބެޓެރި ކޭސް ރިލީޒް ކުރީ އިއްޔެ އެވެ. މި ބެޓެރި ކޭސްގެ އަގު 129 ޑޮލަރަށް އަރާއިރު، މިއީ އައިފޯން އެކްސް އެސް، އެކްސްއެސް މެކްސް އަދި އެކްސް އާރް އަށް ހާއްސަ ކޭސް އެއް ކަމަށް އެޕަލްގެ އެޕް ސްޓޯ ވެބްސައިޓްގައި ބުނެ އެވެ.

ހުދާއި ކަޅު ކުލައިގެ ސިލިކޯން ޑިޒައިނަށް ހަދާފައިވާ މި ބެޓެރި ކޭސްތައް އެޕަލް ސްޓޯ އިން ލިބޭނެ އެވެ. އެޕަލް އައިފޯން އެކްސް އަށް ބޭނުން ކުރެވޭނެ ކަމަށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންދާއިރު، އައިފޯން އެކްސް އަށް ބޭނުން ގޮތަށް ފަރުމާ ކޮށްފައި ހުއްޓަސް އާ ކޭސްތައް ބޭނުން ކުރެވޭނީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ނޫން ފޯނުތަކަށް ބޭނުން ނުކުރުމަށް ވަނީ އެދިފަ އެވެ.

އަލަށް އުފެއްދި ބެޓެރި ކޭސް ތަކަކީ ވާގަނޑާ ނުލާ ޗާޖު ކުރެވޭ ކޭސް ތަކެއް ކަމުން، ފޯނަށް ބެޓެރި ކޭސް ލައްވައިގެން ހުރެވެސް ޗާޖު ކުރެވޭނެ އެވެ. އަދި، އަވަހަށް ޗާޖު ކުރަން ބޭނުންނަމަ، ވާގަނޑު ޖަހައިގެން ވެސް ޗާޖު ކުރެވޭނެ އެވެ.