ހަބަރު

ކުޑަކުދިންގެ އަދުލުގެ ގަވައިދު ސުޕުރީމްކޯޓުން އެކުލަވާލައިފި

ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، އެ ތަހުގީގުކޮށް އަދަބުދޭނެ އުސޫލުތަށް އެކުލެވޭ "ކުޑަކުދިންގެ އަދުލުގެ ގަވައިދު" ސުޕުރީމްކޯޓުން އެކުލަވާލައިފި އެވެ.

ސުޕުރީމްކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ހައްގަކީ އެއްވެސް ތަފާތުކުރުމެއްނެތި، އެކަށީގެންވާ އަވަސްމިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ އަސާސީ ހައްގެއްކަން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށެވެ.

އިންސާފު ހޯދަން ބޭނުންވާ ފަރާތްތަކަށް އެގޮތުގެ މަތީން އެހައްގު ލިބިދިނުން ކަށަވަރު ކުރުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގައި ހިމެނޭ ފަރާތްތަކުގެ މަސްސޫލިއްޔަތެއް ކަމަށާއި، ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގެ 9 ވަނަ މައްދާގައި ކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، އިންސާފުކޮށް، އަދަބުދޭންޖެހޭ ކަންތައްތަކުގައި، އަދަބުދޭނެ ވަކި ނިޒާމެއް ކަނޑައެޅި ބަޔާންވެގެން އޮޮންނަން ޖެހޭ ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، އެ ދުސްތޫރީ އަދި ގާނޫނީ އަސާސްތަކަށް ބެލުމަށްފަހު، ސުޕުރީމްކޯޓަށް ލިބިދީފައިވާ ގާނޫނީ ބެލެނެވެރިކަމުގެ އިހުތިސާސްތަކުގެ މައްޗަށާއި، އެ ކޯޓުން 2011 ވަނަ އަހަރު ނެރެފައިވާ 3 ނަންބަރު ސާކިއުލާއަށް ރިއާޔަތްކޮށް، "ކުޑަކުދިންގެ އަދުލުގެ ގަވައިދު"ގެ ނަމުގައި ގަވައިދެއް ތައާރަފުކޮށް، މި ހިނގާ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުންފެށިގެން އަމަލުކުރަންޖެހޭ ގޮތަށް އެ ގަވައިދު ކަނޑައަޅާފައިވާ ކަމަށެވެ.

ސުޕުރީމްކޯޓުން އެފަދަ ގަވައިދެއް އެކުލަވާލާފައިވާއިރު، މީގެ ކުރިން ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، އިންސާފުކޮށް، އަދަބުދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލެވި އަމަލުކުރަމުން ގޮސްފައިވެއެވެ. އެހެން ނަމަވެސް ޖިނާއީ އިޖުރާތުގެ ގާނޫނުގައި އެ ގަވައިދުގައި ހިމެނޭ ކަންކަން ހިމެނޭތީ އެ ގަވައިދު ވަނީ 2018 ވަނަ އަހަރު އުވާލާފަ އެވެ.