ދުނިޔެ

ޕެރިހުގެ ބޭކަރީއެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވަނީ

Jan 13, 2019

ޕެރިސް (ޖެނުއަރީ 13) - ފްރާންސްގެ ވެރިރަށް ޕެރިސްގައި ބޭކަރީ އެއް ގޮވި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރާފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި، ދެ ފަޔާ ފައިޓަރުންނާއި ސްޕެއިންގެ ޓޫރިސްޓެއް މަރުވެފައިވާއިރު، ކައިރީގައި ހުރި އިމާރާތެއްގެ ތެރެއިން މިއަދު އިތުރު އަންހެނެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

އެ ބޭކަރީގެ ކައިރީގައި ހުރި އިމާރާތްތަކާއި މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ބާރުގަދަ ގޮވުމުގައި ޒަހަމްވެފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ބެލެވުނު ނަމަވެސް، އިތުރު ކަންތައްތައް ވެސް ބަލަމުންދާ ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ގާތްގަނޑަކަށް 45 މީހަކަށް ޒަހަމްވެގެން ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސްކަމަށްވެސްވެ އެވެ. ބޭކަރީ ގޮވާފައިވަނީ، ގޭސް ލީކުވާކަމަށް ބެލެވިގެން އެކަން ތަހުގީގުކުރުމަށް ފަޔާ ފައިޓަރުން އެތަނުގައި ހަރަކާތްތެރިވަނިކޮށެވެ.

ބޭކަރީ އާއި އިންވެގެން ހުރި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގައި، 150 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.