ހަބަރު

ދައުރުގެ ބޭރުން ޖަލްސާ ނުބޭއްވިގެން އުޅެނީ ސޮއި ހަމަ ނުވާތީ: ރިޔާޒް

ދައުރުގެ ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ނުވެގެން އުޅެނީ މަޖިލިސް މެންބަރުންގެ ސޮއި ހަމަ ނުވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިދިޔަ އަހަރު ބޭއްވި ފަހު ޖަލްސާ ނިމުނީ، އެ ޖަލްސާއަށް ތާވަލު ކޮށްފައި އޮތް އެއްވެސް ކަމެއް ފާސް ނުވެ އެވެ. އެކަމާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ހަތަރު ލީޑަރުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ފާސް ކުރުމަށްޓަކައި ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފަ އެވެ. ނަމަވެސް އަންނަ މަހު މަޖިލީހުގެ އާ ދައުރު ފަށާއިރު އަދިވެސް އެ ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ 43 މެންބަރުން ސޮއިކޮށް ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ލިބިފައި ވަނީ 22 މެންބަރުންގެ ސޮއި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މެންބަރުންގެ ސޮއި ހޯދަން މި ދުވަސްވަރު އުނދަގޫ ވަނީ ޗުއްޓީ ތެރޭގައި ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަަށާއި އެހެން މެންބަރުން މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ދާއިރާތަކަށް ވަޑައިގެން އުޅުއްވާތީ ކަމަށެވެ. ނަމަވެސް މެންބަރުން އެކަމުގައި ކުރިޔަށް ދާން މަސައްކަތް ކޮށްފި ނަމަ ބާކީ އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަދިވެސް ޖަލްސާ ބޭއްވި ދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ

"އަޅުގަނޑުމެންނަށް ދެން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް، މެންބަރުން އެކަމަށް ކޮމިޓްމަންޓު ދެއްވައިގެން ކުރިޔަށް ދާން ތިބީއާ އަޅުގަނޑު ގަބޫލު ކުރަނީ އަދިވެސް ވާނެ ކަން،" ރިޔާޒް ވިދާޅުވި އެވެ.

އެ އަދަދަށް މެންބަރުން ހަމަ ނުވެއްޖެ ނަމަ މަޖިލީހުގެ ތެރެއިން ކުރަން ހުރި މަސައްކަތްތައް ދެން ކުރާނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ. މަޖިލީހުގެއާ ދައުރުގެ ފުރަތަމަ ޖަލްސާ ހަތެއް ފެބްރުއަރީގައި ބާއްވަން ނިންމާފައިވާ ކަން އެ އިދާރާ އިން ވަނީ ހާމަކޮށްފަ އެވެ.

މިދިޔަ ދައުރު ނިމިގެން ދިޔަ އިރު ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ ގުޅޭ އެތަށް މަސައްކަތެއް އޮތީ ނުނިމި އެވެ. އެގޮތުން މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ގެންނަ އިސްލާހު ވެސް އޮތީ ފާސް ނުވެ އެވެ.